01 May 2013, 14:42
ފެބްރުއަރީ 2012ގައި ރާއްޖޭގެ ވެރިކަން ބަދަލުވުމާ އެކު، އާ ސަރުކާރު ބަލައިގެންފައި ވަނީ 2009ގެ ކޮޕެންހޭގަން ސަމިޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދެކޮޅު ހެދި ގައުމުތަކުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޑެންމާކަށް ކުރެއްވި ދަތުރުފުޅެއްގައި ކުރިއަށް ދިޔަ ފޮރިން ޕޮލިސީ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރާއްޖެއަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ދާއިރާ އިން މަސައްކަތްކުރުމުގެ ސަބަބުން ވައްޓާލެވުނު ފުރަތަމަ ސަރުކާރު ކަމަށް އެމެރިކާގެ ކޮމެންޓޭޓަރަކު ވިދާޅުވެފައިވާ ކަމަށެވެ.
އަދި އެމަނިކުފާނަކީ މިފަދަ "ކޮންސްޕިރެސީ ތިއަރީ"ތައް ގަބޫލުކުރައްވާ ބޭފުޅެއް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އާ ސަރުކާރު އުފެދުމާ އެކު، ވަގުތުން ވަގުތަށް އެ ސަރުކާރުން ބަލައިގެންފައިވާ ގައުމުތަކަކީ 2009ގައި ކޯޕެންހޭގަންގައި ބޭއްވުނު އދ.ގެ ކުލައިމެޓް ޗޭންޖު ކޮންފަރަންސް ނުވަތަ ކޮޕް 15ގައި އެކުލަވާލެވުނު ކޮޕެންހޭގަން އެކޯޑުގައި ސޮއިކުރަން ދެކޮޅު ހެދި ގައުމުތައް ކަމަށެވެ.
"އެމެރިކާގެ ކޮމެންޓޭޓަރަކު ވިދާޅުވި ވާހަކައަކީ ދިވެހިރާއްޖެއަކީ ދުނިޔޭގައި ގެނެވުނު އެންމެ ފުރަތަމަ "ކުލައިމެޓް ޗޭންޖު ކޫ" [މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން ވައްޓާލެވުނު ފުރަތަމަ ސަރުކާރު]ކަމަށް. އަޅުގަނޑަކީ މިފަދަ "ކޮންސްޕިރެސީ ތިއަރީ"ތައް މާ ގަދައަށް ގަބޫލުކުރާ މީހެއް ނޫން. ނަމަވެސް ރާއްޖޭގެ ސަރުކާރުން އެންމެ ފުރަތަމަ ވަގުތުން ވަގުތަށް ބަލައިގަތް ގައުމުތަކަކީ ކޮޕެންހޭގަން އެކޯޑުގައި ސޮއިކުރަން ބޭނުން ނުވި ގައުމުތައް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ސީދާ ނަމުން ވިދާޅުނުވި ނަމަވެސް، އެމަނިކުފާނު އިޝާރާތްކުރައްވާފައި ވަނީ އެމެރިކާ، އިންޑިއާ އަދި ޗައިނާ ފަދަ ގައުމުތަކަށް ކަމަށް ގަބޫލުކުރެވެ އެވެ.
އެމެރިކާ އާއި އިންޑިއާ އިން އާ ސަރުކާރުން ވަގުތުން ވަގުތައް ބަލައިގެންފައިވާ އިރު، ޗައިނާއަކީ ވެސް ރައީސް ވަހީދުގެ ސަރުކާރާއެއް ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ ގައުމެކެވެ.
ކޮޕެންހޭގަން ސަމިޓުން އެކުލަވާލި އެކޯޑަށް އެންމެ ފުރަތަމަ ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިންޑިއާ އަދި ޗައިނާ ހިމެނެ އެވެ. މި ގައުމުތަކުން ކޮޕެންހޭގަން އެކޯޑުގައި ސޮއިކޮށްފައި ވަނީ އެގައުމުތަކުން ބޭނުންވާ ބަދަލުތައް އެކޯޑަށް ގެނައުމަށް ފަހުގަ އެވެ.
ޗައިނާއާއި އިންޑިއާ އަދި އެމެރިކާއިން ގެނައި ބަދަލުތަކަށް ފަހު، ތިމާވެށީގެ ގިނަ ތަޖުރިބާކާރުން ކޮޕެންހޭގަން އެކޯޑު ސިފަކޮށްފައި ވަނީ އޭގެ ސަބަބުން އެއްވެސް ނަތީޖާއެއް ހާސިލްނުވާނެ ބޭކާރު އެކޯޑެއްގެ ގޮތުގަ އެވެ.