01 May 2013, 14:22
މިހާތަނަށް އެކި ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ނުވަތަ އެހެން ގޮތަކުން ވެސް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ދައްކަން ޖެހި، ނުދައްކާ ހުރި ހަތަރު މިލިއަނެއްހާ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ހަވާލު ކުރަން އެ ޑިޕާޓްމެންޓުން ނިންމައިފި އެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވީ ވޭތުވެދިޔަ ދެ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން އެކަނި ވެސް އެ ޑިޕާޓްމަންޓަށް 3.6 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އަދި އޭގެ އިތުރުން އަމިއްލަ ފަރާތްތަކުން ތިން ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ މި މަހުން ފެށިގެން އެ ޑިޕާޓްމެންޓަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް ހޯދުމުގެ މަސައްކަތް ގާނޫނީ އިމުގެ ތެރެއިން ކުރަމުން ގެންދާނީ މީރާ އިން ކަމަށާއި އެގޮތުން ޝަރީއަތަށް ގޮސްގެން ވެސް ނުދައްކާ ހުރި ފައިސާތައް މީރާ އިން ހޯދާނެ ކަމަށެވެ.
"މީރާ އަކީ މިހާރު އަޅުގަނޑުމެންގެ ވަރަށް ބޮޑު ވަރަށް ގާތް ޕާޓްނަރެއް. މިހާތަނަށް މި އޮފީހަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް މި މަހުން ފެށިގެން ކަލެކްޓް ކުރުމުގެ ހުރިހާ ކަމެއް ކުރާނީ މީރާ އިން. އޭގެ ތެރޭގައި ޝަރީއަތަށް ގޮސްގެން ހޯދަން ޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ،" މުހައްމަދު އަލީ ވިދާޅުވި އެވެ.
އިމިގްރޭޝަނަށް ލިބެން ޖެހޭ ފައިސާ ހޯދުމާއި އެނޫން މަސައްކަތް ތަކަށް ވެސް ފަސޭހަ ކުރުމުގެ ގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެސްއެމްއެސް ސިސްޓަމެއް ނުވަތަ ހޮޓްލައިނެއް ގާއިމު ކުރާނެ ކަމަށް ވެސް ކޮންޓްރޯލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފަދަ ސިސްޓަމެއް ގާއިމް ކުރުމުން ސެކްޝަންތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމާއި ޝަކުވާ ހުށަހެޅުން ފަދަ މަސައްކަތްތައް އެސްއެމްއެސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމަށެވެ.