01 May 2013, 14:17
ކަމަދޫގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ކަންފަތުގައި ދަތް އަޅައި ޒަޚަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ ރޭ ފަތިހު ފުލުހުންނަށް ރިޕޯޓު ކުރި މާރާމާރީއަކާ ގުޅިގެން އުމުރުން 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެތަނުން އެކަކުގެ ކަންފަތުގައި ދަތް އެޅުމާ ގުޅިގެން ކަންފަތުން ލޭ އަންނާތީ ސިއްހީ މަރުކަޒުން ފަރުވާ ހޯދައިފައި ވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ކަމަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ މާރާމާރީ ހިނގާން މެދުވެރިވީ ކަމަދޫ ކައިރީ އޮތް ފަޅުރަށަކަށް ބާބަކިޔު ހަދަން ދިޔަ ޒުވާނަކު ބަލައި ދިޔަ ލޯންޗެއްގެ ކައްޕިއާ ކަމަށެވެ. އަދި އެޒުވާނާ ބަލައި ދިޔައިރު ލޯންޗު ދުއްވާން ކައްޕިއަކަށް ހުރި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް އެމީހާ ބުންޏެވެ.
ކައްޕިއަކަށް ހުރި މީހާ ގޮސް ލޯންޗުގައި އިން ޒުވާނާގެ ފޯނާއި ވޮލެޓް ފޭރޭން މަސައްކަތް ކުރުމުން ދެމީހުންގެ ދެމެދުގައި މާރާމާރީ ހިނގައި، ލޯންޗަށް އެރި ޒުވާނާގެ ކަންފަތުގައި ކައްޕި ދަތް އަޅައިފައިވާ ކަމަށް ވެސް ކަމަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެމީހާ ބުނީ އެ ލޯންޗުގައި އެ ދެ މީހުން ފިޔަވައި އިތުރު ބަޔަކު ނެތް ކަމަށެވެ.
އެމީހާ އަދި ބުނި ގޮތުގައި ލޯންޗު ރަށާ ކައިރިވީމާ ވެސް އެއީ ރަށެއް ނޫނޭ ބުނެ އެހެން ދިމާލަކަށް ދުއްވަން ފެށުމުން ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ގޮސް އެހިސާބުގައި އޮތް ފަރަކަށް ލޯންޗު އަރައި ލޯންޗަށް ވެސް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ކަމަދުއަށް ގެނައީ އެރަށުން ދޯންޏެއް ގޮސް ކަމަށް ވެސް ވެއެވެ.
ކަމަދޫން ސަންއަށް މައުލުމާތު ދިން މީހާ ބުނީ ކައްޕިއަކަށް ހުރި މީހާ ރަށަށް ގޮސް ވެސް މީހުންނަށް ބިރު ދައްކާން ތޫނު އެއްޗެހި ހިފައިގެން އުޅެނިކޮށް ފުލުހުންނަށް ރިޕޯޓުކުރީ ކަމަށެވެ.