24 Oct 2010, 04:53
އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ "ގޯލްޑަން ޖުބިލީ" ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ބައިވެރިވެވަޑައިގަންނަވައިފި އެވެ.
އެމްއެންޑީއެފުން އިން އިއްޔެ ބުނި ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅަކީ އިންޑިއާގެ އާމީ ޗީފްގެ ދަޢުވަތަކަށް އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ރަން ޔޫބީލް ފާހަގަކުރުމަށް ބާއްވަމުންދާ ސެމިނާއެއް ކަމުގައިވާ "ދަ ރޯލް އޮފް ފޯސް އިން ސްޓްރެޓެޖިކް އެފެއާޒް" އާއި އެކަމުގެ މުނާސަބަތުގައި ބާއްވާ އެހެނިހެން ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އިއްޔެ އޮތް "ދަ ރޯލް އޮފް ފޯސް އިން ސްޓްރެޓެޖިކް އެފެއާޒް" ނިންމުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ބޫޓާންގެ ރަސްގެފާނާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މޫސާ އަލީ ޖަލީލުގެ މިދަތުރުފުޅުގައި އިންޑިއާގެ ތިން ސާވިސް ޗީފުންނާއި އިންޑިއާ ކޯސްޓްގާޑުގެ ޑައިރެކްޓަރު ޖެނެރަލް އާ ވަނީ ބައްދަލުކުރައްވައިފަ އެވެ.
އޭގެ އިތުރުން އިންޑިއާ ކޯސްޓްގާޑުގެ ޑައިރެކްޓަރު ޖެނެރަލް ވައިސް އެޑްމިރަލް އަނިލް ޗޯޕްރާ އާއި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ވީ.ކޭ ސިންގްއަށާއި އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އަށާއި އިންޑިއާގެ ޗީފް އޮފް އެއާ ސްޓާފް އަދި އިންޑިއާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ކޮމެޓީގެ ޗެއަމަން އެއާ މާޝެލް ޕީ.ވީ ނާއިކްއާ ވެސް ޖަލީލު ބައްދަލުކުރެއްވި އެވެ.
ވަކިވަކިން ބޭއްވި މިބައްދަލުވުންތަކުގައި ދެ ޤައުމުގެ އަސްކަރިއްޔާތަކުގެ މެދުގައި އޮތް ގާތްގުޅުމާއި ބެހޭ ގޮތުންނާއި މިގުޅުން އިތުރަށް ހަރުދަނާކުރުމަށާއި އަދި މިހާރު ދެ ޤައުމުގެ އަސްކަރިއްޔާ އާ ދެމެދު ހިނގަމުންދާ ތަމްރީނުތަކާއި އެހެނިހެން މަސައްކަތްތަކާ ބެހޭ ގޮތުން ޖަލީލު މަޝްވަރާކުރެއްވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.