17 Mar 2010, 11:19
14:30
ހޭންޑް ފުޓް އެންޑް މައުތު ރޯގާ އާއި ލޮލު ރޯގާ މާލެ އާއި އަތޮޅުތެރޭގައި ފެތުރެމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ސެންޓަރ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލުން ބުނީ މިދުވަސްވަރު މާލެ އާއި އަތޮޅުތެރޭގައި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް އާއި ލޮލު ރޯގާ އިތުރުވަމުންދާކަން އެ ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް މިބަލި ޖެހިގެން 199 ކުދިން ރިޕޯޓް ކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުނެ އެވެ.
މިދިޔަ އަހަރުގެ މިހާތަނަށް މިބަލި ޖެހިގެން 76 ކުއްޖަކު ރިޕޯޓް ކޮށްފައިވާއިރު މިބަލި މިހާރު ރިޕޯޓް ކުރަމުންދަނީ ށ. އަތޮޅުންނާއި، ނ. އަތޮޅުންނާއި، އއ. އަތޮޅުންނާއި، އދ. އަތޮޅުންނާއި މާލޭން ކަމަށް ޑިޒީޒް ކޮންޓްރޯލުން ބުނެ އެވެ.
ހެލްތު މިނިސްޓްރީގެ ސީނިއަރ މެޑިކަލް އޮފިސަރ، ޑރ. ސޮލާހް ޝަރީފް މިއަދު ވިދާޅުވީ ހޭންޑް ފުޓް އެންޑް މައުތު ޑިޒީސްއަކީ އާއްމުކޮށް 10 އަހަރުން ދަށުގެ ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށެވެ. އަދި މިއީ އެކަކު ގައިން އަނެކަކު ގަޔަށް ފަސޭހަކަމާއެކު އަރާ ބައްޔެއް ކަމަށާއި މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ހުންއައުމާއި، ބޮލުގައި ރިއްސުމާއި، އަތާއި ފައިގައި ބިހި ނުވަތަ ފޮޅު ނެގުމާއި، އަނގަ ފާރުވުމާއި ކާހިތްނުވުން ހިމެނޭ ކަމަށެވެ.
ޑިޒީޒް ކޮންޓްރޯލުން ބުނީ ލޮލުރޯގާ އަކީ އާއްމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ޖެހޭ ބައްޔަކަށްވެފައި މިހާތަނަށް މި ބަލި ޖެހިގެން މާލޭން 551 މީހަކު އަދި އަތޮޅުތެރޭން 421 މީހަކު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ދެ ބަލިން ވެސް ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން އަތްދޮވުމަށާއި ސަފުތާހިރުވުމަށް ސަމާލުކަން ދިނުން ވަރަށް މުހިންމު ކަމަށް ޑރ. ސޮލާހް ޝަރީފް ވިދާޅުވި އެވެ.