01 May 2013, 13:48
މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެލުމުގެ ގޮތުން ހުރިހާ ކެންޑިޑޭޓުން ވަކިވަކީން ވާދަ ކުރާން އެބަ ޖެހޭ ކަމަށާއި، އެއަށް ފަހު ދެވަނަ ބުރުގައި ކޯލިޝަން ހެދިދާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ބުނެފިއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިޔުންގެ މަޖިލީހުގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވީ ސިޔާސީ ޕާޓީއެއް ހެދުމުގެ ހަގީގީ ބޭނުމަކީ ވެރިކަމަށް އައުން ކަމަށާއި، އޭގެ ބަދަލުގައި ފުރަތަމަ ވެސް ވަކި މީހަކަށް ތާއީދު ކުރާން ވެއްޖެ ނަމަ އެ ޕާޓީއެއްގެ ބޭނުމެއް ނެތް ކަމަށެވެ.
"ސިޔާސީ ޕާޓީއެއް ހެދުމުގެ ބޭނުމަކީ ވެރިކަމަށް އައުން. އޭގެ ބަދަލުގައި ފުރަތަމަ ވެސް ވަކި މީހަކަށް ތާއީދު ކުރާނަމަ ސިޔާސީ ޕާޓީއެއް ހެދުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އަޅުގަނޑުމެން ފުރަތަމަ ބުރުގައި އެބަ ޖެހޭ ނޫންތޯ ކޮންމެ ކެންޑިޑޭޓަކު ވަކިވަކީން ޓެސްޓް ކޮށްލަން. ކެނޑިޑޭޓުންނަށް ލިބެނީ ކިތައް ވޯޓު ތޯ. އެހާ ހިސާބުން އެއް ޕާޓީއަކަށް ވެރިކަން ދޭން ރައްޔިތުން ގަބޫލު ނުވެއްޖެ ނަމަ ދެން ކޯލިޝަން ހަދާނީ،" މަހުލޫފް ވިދާޅުވިއެވެ.
އެމްޑީޕީއަށް އިޝާރާތް ކުރައްވައި، މަހުލޫފް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބު ކުރެވޭނެ ހަމަ އެކަނި ގޮތަކީ ފުރަތަމަ ބުރު ކާމިޔާބު ކުރުން ކަމަށެވެ. ނަމަވެސް އެކަން އެމްޑީޕީއަށް ނުވާނެ ކަމަށާއި، އެފަދަ ފުރުސަތެއް ލިބުނަސް ލިބޭނީ ޕީޕީއެމަށް ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00ގައި ކާނިވާ ސަރަހައްދުގެ ސްޓޭޖްގައި ޕީޕީއެމްގެ ފަރާތުން ވަރަށް ޚާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އަދި އެ ޖަލްސާގައި އެހެން ޕާޓީތަކާ އެކު ޕީޕީއެމުން ކޯލިޝަން ހެދުމަށް ކުރަމުންދާ މަސައްކަތާއި، އަދި އެކަމުން ލިބިފައިވާ ކުރިއެރުންތަކުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށާއި އަދި އޭގެ އިތުރުން ވެސް ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް އެ ޖަލްސާއިން ފެނިގެންދާނެ ކަމަށެވެ.