ކިއުބާގައި ހުންނަ އެެމެރިކާގެ އަސްކަރީ މަރުކަޒު، ގުއަންޓަނާމޯ ބޭގައި އެމެރިކާ އިން ހިންގަމުން އަންނަ ޖަލުގެ ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފައްޓާފައި ވަނިކޮށް، އެ ޖަލު ބަންދުކުރަން އަނެއްކާ ވެސް މަސައްކަތް ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވުމުގެ ކުރިން ކެމްޕެއިންގައި އޮބާމާ އެންމެ އަޑުހަރުކޮށް ދައްކަވާފައިވާ އެއް ވާހަކައަކީ ގިޓްމޯ ޖަލު ބަންދުކުރަން ޖެހޭ ވާހަކަ އާއި އެ ޖަލު އޮބާމާގެ ވެރިކަމެއްގައި ބަންދުކުރާނެ ވާހަކަ އެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ގިޓްމޯ ޖަލު ބަންދުކުރުމަށް އޮބާމާ ކުރެއްވި މަސައްކަތްތައް ނާކާމިޔާބުވެފައި ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ގިޓްމޯ ބަންދުކުރުމަށް ބޭނުންވާ ހުއްދަތައް އޮބާމާގެ ސަރުކާރަށް ނުދިނުމުގެ ސަބަބުން ނެވެ.

ވައިޓް ހައުސްގައި ހުންނަވައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން އޮބާމާ ވިދާޅުވީ ގިޓްމޯ ޖަލަކީ އެމެރިކާގެ ހާރިޖީ ސިޔާސަތަށް އޭގެ ސަބަބުން ހަޑި ނަމެއް ލިބި، އެތައް ލައްކަ ފައިސާއެއް އެކަމަށް ބޭކާރު ވެގެންދާ ޖަލެއް ކަމަށެވެ.

އޮބާމާ އިތުރަށް ވިދާޅުވީ ޖަލު ބަންދުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ގުއަންޓަނާމޯ ބޭގައި ޖަލެއް އެމެރިކާއިން ގާއިމްކޮށްފައި ވަނީ 2001 ވަނަ އަހަރު އެމެރިކާ އަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އަފްޣާނިސްތާނު އަދި އިރާގުގައި އެމެރިކާ އިން ކުރިއަށް ގެންދިޔަ ހަނގުރާމާގައި ހައްޔަރުކުރި "ޓެރަރިސްޓުން" ކަމަށް އެމެރިކާ އިން ތުހުމަތުކުރާ ފަރާތްތައް ބަންދުކުރުމަށެވެ.

ގިޓްމޯ ޖަލުގެ ވާހަކަތައް އަނެއްކާ ވެސް ނޫސްތަކުގެ ފަލަ ސުރުހީ އަށް އަރާފައި ވަނީ ގިޓްމޯގައި ބަންދުކޮށްފައިވާ 166 ގައިދީންގެ ތެރެއިން 100 ގައިދީން ގުޅިގެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފެށުމުން ނެވެ.

ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވާ ގިނަ ގައިދީންނަކީ އެއްވެސް ދައުވާއެއް ނުކޮށް، ކޯޓުގެ މަރުހަލާއެއް ނެތި 11 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ގިޓްމޯގައި ބަންދުކޮށްފައިވާ ގައިދީން ނެވެ.

ބަނޑުހައި ހޫނުކަމުގެ ހަޅުތާލާ ގުޅިގެން ޖަލުގެ ހާލަތު ގޯސްވުމުގެ ސަބަބުން އެމެރިކާ އިން ވަނީ އަސްކަރީ ނަރުހުންނާއި ސްޕެޝަލިސްޓުން އެކުލެވޭ 36 މީހުންގެ ޓީމެއް ގުއަންޓަނާމޯއަށް ފޮނުވާފަ އެވެ.