އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް، އިންޑޮނޭޝިޔާގެ ޕެރްސިބޯއާ ދެކޮޅަށް މިއަދު ހަވީރު ކުޅެން ހަމަޖެހިފައިވާ މެޗަކީ ފަސޭހަ މެޗަކަށް ނުވާނޭ ކަމަށް ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނެފިއެވެ.

ނިއުގެ ކޯޗު ބުނީ ޕެރްސިބޯއާ ދެކޮޅަށް ކުރިން ކުޅުނު މެޗުން ބޮޑު ތަފާތަކުން މޮޅުވެވިފައި ވީނަމަވެސް މިއަދުގެ މެޗުގައި އެފަދަ ނަތީޖާއެއް ނެރެވިދާނެ ކަމާމެދު ވިސްނައިގެން ނުވާނެ ކަމަށެވެ. އަދި ކުރީގެ މެޗުތަކާ ހިލާފަށް މިފަހަރުގެ މެޗުގައި އެކުލަބަށް ކުޅޭ ބިދޭސީ ކުޅުންތެރިންވެސް ހިމަނާނެ ކަމަށާއި އެހެން ކަމުން އެ ކުލަބާ ދެކޮޅަށް މިއަދުގެ މެޗަށް ނިކުންނަން ޖެހޭނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ނިއުގެ އަސްލު ގޭމް ސްޓައިލުގައި ކުޅެ މޮޅުވުމަށް ކަމަށެވެ.

މުބާރާތުގެ ދެވަނަ ބުރުން ނިއުއަށް މިހާރުވެ ސްވަނީ ޖާގަ ލިބިފައެވެ. އެހެން ނަމަވެސް މިއަދުގެ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެވި، ގްރޫޕުގެ އެއްވަނަ ހޯދިއްޖެނަމަ ދެވަނަ ބުރުގައި ނިއު ކުޅެންޖެހޭ މެޗު ރާއްޖޭގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ގުރޫޕް އެފްގެ އެއްވަނައިގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އޮތީ ޕޮއިންޓުގެ ގޮތުންނާއި ފައިދާ ގޯލުގެ ގޮތުންވެސް ދެކުލަބު އެއްވަރުވެ މުޅި މުބާރާތުގައި ޖެހި ގޯލުގެ ތަފާތުން ނިއުއަށްވުރެ ކުރި ހޯދައިގެންނެވެ. ޔަންގޮން އާއި ނިއުއަށް ކޮންމެ ޓީމަކަށް 12 ޕޮއިންޓު ފައިދާ 11 ގޯލް ލިބިފައިވާއިރު ޔަންގޮން ޖެހިގޯލް 16އަށް އަރައެވެ. އަދި ނިއުއަށް މުބާރާތުގައި ކާމިޔާބު ކުރެވިފައިވަނީ 14 ގޯލްއެވެ. އެހެން ކަމުން މިއަދުގެ މެޗުން މޮޅުވެ ޔަންގޮންއާއި ދެމެދު އޮތް ޖެހިގޯލްގެ ތަފާތު ނިއުގެ ކޮޅަށް ބުރަކޮށް ލެވިއްޖެ ނަމަ، ނުވަތަ ނިއު މޮޅުވެ، ޔަންގޮން އެއްވަރު ނުވަތަ ބަލިވެއްޖެ ނަމަވެސް ނިއުއަށް ކުރިލިބޭނެއެވެ.

ޕޮޕޯފް ބުނީ މިއަދުގެ މެޗުގައި ގިނަ ލަނޑުތަކެއް ކާމިޔާބު ކޮށްގެން މޮޅުވުމަށް އޭނާގެ ވިސްނުމުގައި ނެތްކަމަށެވެ. އެހެން ނަމަވެސް އޭނާ ބޭނުންވަނީ ނިއުގެ ސްޓައިލުގައި ކުޅެ، މެޗުން ރަނގަޅު ނަތީޖާއެއް ނެރެ ބޭނުންވާ އަމާޒަށް ވާސިލުވުމަށް ކަމަށެވެ.

"މިއަދުގެ މެޗުގައި މުހިއްމީ ގިނަ ލަނޑުތަކެއް ޖެހޭތޯ ބެލުމެއް ނޫން. އެންމެ މުހިއްމީ ޓީމެއްގެ ގޮތުގައި އަހަރުމެންގެ ގޭމް ޕްލޭނާ އެއްގޮތަށް ކުޅެވޭތޯ ބެލުން. އިދިކޮޅު ޓީމާ ފުރަތަމަ ބައްދަލު ކުރިމެޗުގައި އެމީހުން އެޓޭކިން ގޭމެއް ކުޅުނަސް މިއަދުގެ މެޗުގައި އެމީހުން ކުޅޭނޭކަމަށް ބޮޑަށް ބެލެވެނީ ފަހަތައް ޖެހިގެން. އެހެންވީމާ ކޮންމެ ކުޅުންތެރިޔަކުވެސް އަމިއްލައަށް ކުޅެން އުޅުމުގެ ބަދަލުގައި ޓީމެއްގެ ގޮތުގައި ކުޅެވޭތޯ ބަލަންޖެހޭނީ،" ނިއުގެ ކޯޗު ބުންޏެވެ.

ޕޮޕޯފް ބުނީ ގިނަ ލަނޑު ތަކެއް ޖަހައިގެން ގުރޫޕުގެ އެއްވަނަ ނުލިބުނަސް އެއީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށާއި، ބޭނުންވީ ދެވަނަ ބުރުން ޖާގަ ހޯދަން ކަމަށެވެ. އެއްވަނަ ލިބިއްޖިއްޔާ އެއީ ޓީމަށް އޮތް އެޑްވާންޓޭޖެއް ކަމަށް ދެކޭ ކަމަށާއި، އެހެން ކަމުން ފުރަތަމަ ބުރުގެ އަމާޒަށް ވާސިލުވެފައި ވުމުން މިއަދުގެ މެޗުގައި އޭނާ ބޭނުންވަނީ ކުލަބުގެ ސަޕޯޓަރުން ބަލާހިތްވާ ކަހަލަ ރީތި ކުޅުމެއް ނިއުގެ ފަރާތުން ދައްކައިގެން މިއަދުގެ މެޗުން މޮޅުވުން ކަމަށެވެ.

މިއަދުގެ މެޗަށް ނުކުންނަ އިރު ނިއުއަށް އަނިޔާގެ ބައެއް މައްސަލަތައް ހުރިނަމަވެސް، ޕޮޕޯފަށް ލިބޭނޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، އަނިޔާގެ ސަބަބުން މުބާރާތުގައި ނިއު އެންމެ ފަހުން ކުޅުނު ދެމެޗުގައިވެސް ނުކުޅެވުނު ކުލަބުގެ ނުރައްކާތެރި ފޯވަޑް އަލީ އަޝްފާގު (ދަގޭ)އަށް ކުޅެވޭތީއެވެ.

"އަޝްފާގަކީ މި ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ. މިސާލަކަށް ބުނެވިދާނެ [އަޝަފާގާ ނުލައި މި ޓީމަކީ މާސިޑީޒް ބެންޒެކޭ، އެކަމަކު އަޝްފާހު ހުރިއްޔާ މި ޓީމަކީ ފެރާރީ އެއް]. އަޝްފާގަކީ މެޗުގެ ކޮންމެ ވަގުތެއްގައިވެސް ނަތީޖާއާ ކުޅެލެވޭ ވަރުގެ ތަފާތު ކުޅުންތެރިއެއް،" ދަނގޭއާ ބެހޭގޮތުން ޕޮޕޯފު ބުންޏެވެ.

ކޯޗު ބުނީ މިއަދުގެ މެޗުގައި އެކުލަބުގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން އެކުޅުންތެރިންނަކީ މިފަދަ މެޗަކަށް ތައްޔާރުވެފައި ތިބި ކުޅުންތެރިންތޯ ޓެސްޓު ކޮށްލުމަށްވެސް އޭނާ ބޭނުން ކަމަށެވެ.

ނިއުއާއި ޕެރްސިބޯ ބައްދަލު ކުރާމެޗު އޮންނާނީ މިއަދު ހަވީރު 4:00ގައި ގަލޮޅު ދަނޑުގައެވެ. މެޗުގެ ޓިކެޓް ވިއްކަނީ ގޮނޑިބަރިން 50 ރުފިޔާ އަދި ސިޑިބަރިން 15 ރުފިޔާއަށެވެ.