01 May 2013, 11:43
ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ފިތުނަ ފަސާދަ އުފައްދަމުން ގެންދާ ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ޑެންމާކްގައި ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތަގުރީރެއްގައި ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ބައެއް މީޑިއާތަކުގައި ހަގީގަތް އޮޅޭ ގޮތަށް ޒިންމާދާރުކަމެއް ނެތި ވާހަތައް ފަތުރަމުން ގެންދާ ކަމަށާއި އެ ވާހަކަތައް އެ ޕާޓީން އެންމެ މަތީ ދަރަޒައިން ކުށްވެރިކުރާ ކަމަށެވެ.
"މިކަންކަން ކުރަނީ ދީނީ ޝެއިހުންގެ ތޮފި އަޅައިގެން ދީން ހަތިޔާރަކަށް ބޭނުން ކުރާ ބަޔަކު. ރައްޔިތުންގެ ތާއީދު ނެތި ދީނީ ގޮތުން ހައްދު ފަހަނައަޅާފައި ތިބެގެން އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބަޣާވަތް ކުރި ބައެއް. މިކަން ކުރަނީ އަމާން ދިވެހި މިބިމުގައި ފިތުނަ ފަސާދަ އުފައްދަން ކަމުގައި މިޕާޓީން ގަބޫލުކުރަން،" އެމްޑީޕީގެ ނޫސް ބަޔާނުގައިވެ އެވެ.
ފިތުނަ ފަސާދަކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެއް ކަމަށާއި އިސްލާމްދީނުގެ ނަމުގައި ވަގުތީ ސިޔާސީ ބޭނުމެއް ފުއްދުމަށް ޝޭއިޚުންގެ ލަގަބު ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކުރީ ސަފުގައި ތިއްބަވައިގެން ކަނޑައެޅިގެން މާނަ އޮޅޭގޮތަށް ރައްޔިތުންނަށް ދޮގު މައުލޫމާތުދޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ޑެންމާކުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށި ވިސްނުން ދިވެހި ރާއްޖޭގައްޔާއި ދުނިޔޭގައި ފެތުރެމުންދާތީ އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ބޯދާ ވިސްނުމަށް ރައްދުދެވެން ޖެހޭނެ ކަމަށާއި އެކަމާ ގުޅޭގޮތުން ވާހަކަ ދެކެވި މަޝްވަރާކުރެވެން ޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފިތުނަވެރި ވިސްނުމާއި ފަސާދަ އާ ދެކޮޅަށް މުސްލިމުން ތެދުވާން ވެއްޖެކަމުގައި ވެސް ނަޝީދު ވަނީ ވިދާޅުވި ކަމަށް އެމްޑީޕީން ބުންޏެވެ.
ކޯޕަންހޭގަން ޔުނިވާސިޓީގައި ދެއްވި ތަގުރީރުގައި ނަޝީދާ ސުވާލުކުރީ، އިސްލާމްދީނާއި "ޕްރޮގްރެސިވް" އިސްލާމްދީނާ ދެމެދު ހިނގަމުންދާ އަރާރުންވުމުގެ ތެރެއިން ސަގާފީ އިސްލާމް ފެތުރެމުންދާތީވެ އެކަމުގެ ހަގީގަތް ހުޅަނގުގެ އާއްމުންނާ ހިއްސާކޮށްދެއްވުމަށް އެދި އެވެ.
އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރު ފެތުރެން ފަސޭހަވެފައި ވަނީ އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ނުވަތަ "އޮލްޓަނޭޓިވް ނެރޭޓިވް"ކިޔައި ނުދެވުމުގެ ސަބަބުން ކަމަށެވެ.
"ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތް. ދަންވަރު ގުޅާފައި "ޝޭހުއޭ. މިއުޅެނީ ނުނިދިގެންނޭ" ބުނެފި ނަމަ، ޝޭހު ދޭނެ ރަސޫލާގެ ހަދީސްއެއް ނުވަތަ ވަހީ ބަސްފުޅެއް ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭ ގޮތުން. އަޅުގަނޑުމެންގެ ނެތް މިކަހަލަ ހެލްޕްލައިނެއް. އަޅުގަނޑުމެންގެ އަތުގައެއް ނެތް "އެހެން ގޮތެއް". އެހެން ގޮތެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ނަޝީދު ވީޑިއޯގައި ވިދާޅުވެ އެވެ.
ރައީސް ނަޝީދު ޑެންމާކްގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީރަށް ފަހު ރާއްޖޭގައި ދީނީ އިލްވުވެރިންނާއި ސިޔާސީ ޕާޓީތަކުން ގެންދަނީ ރައީސް ނަޝީދުގެ އެވާހަކަތައް ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.