ޕިޝާވަރު (މޭ 01): ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފް އަށް މުޅި އުމުރަށް ޕާކިސްތާނުގެ އެއްވެސް އިންތިޚާބެއްގައި ބައިވެރި ނުވެވޭނެ ކަމަށް ނިންމައި އެގައުމުގެ ޕިޝާރުގެ ހައިކޯޓުން ޙުކުމްކޮށްފި އެވެ.

މުޝައްރަފްގެ މައްޗަށް އިއްޔެ މިޙުކުމް އިއްވާފައި ވަނީ އޭނާގެ ވެރިކަމުގައި ޕާކިސްތާނުގެ ދަސްތޫރު ދެފަހަރެއްގެ މަތިން އުވާލައި އަދި ދަސްތޫރުން ބޭރުގައި ހިންގަވާފައިވާ ޣައިރު ޤާނޫނީ ޢަމަލުތަކުގެ ސަބަބުން ކަމަށް ޕިޝާވަރުގެ ހައިކޯޓުގެ ޙުކުމުގައިވެ އެވެ. މީގެތެރޭގައި ކޯޓުތަކަށް ގޮންޖައްސަވައި ކޯޓުތަކުގެ ބައެއް އިސްފަނޑިޔާރުން ނާއި އެމީހުންގެ ޢާއިލާތަކުގެ މެންބަރުން ގޭބަންދު ކުރުމާއި އުއްތަމަ ފަނޑިޔާރު އިފްތިޚާރު ޗައުދަރީ ޤާނޫނާ ޚިލާފަށް މަގާމުން ޢަޒުލުކުރުން ހިމެނެ އެވެ.
ޕިޝާވަރުގެ ހައިކޯޓުގެ މިޙުކުމް ޕާކިސްތާނުގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އަވަސްވެގަންނާނެކަން މުޝައްރަފްގެ ޤާނޫނީ ވަކީލުންގެ ޓީމުންވަނީ ހާމަކޮށްފަ އެވެ. މުޝައްރަފް މިހާރު ހުންނެވީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި ޖަރީމާއާ އޭނާއާގުޅުންވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މޭމަހުގެ 14 ވަނަ ދުވަހާ ހަމައަށް ގޭގައި ބަންދުކޮށްފަ އެވެ. އެހެންކަމުން މޭ 11ގައި ބާއްވާ ޕާކިސްތާނުގެ ޕާލަމެންޓްރީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު މުޝައްރަފަށް ލިބުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް މުރާސިލުން ބުނެ އެވެ.

މީގެއިތުރުން ޕާކިސްތާނުގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ ނަވާބު އަކްބަރު ޚާން އަވަހާރަކޮށްލުމުގައި މުޝައްރަފްގެ އަތެއްވާ ކަމުގެ ދަޢުވާއާއި ޓެރަރިޒަމްގެ ދައުވާވެސް މުޝައްރަފްގެ މައްޗަށް ވަނީ އުފުލައިފަ އެވެ. ހަތަރު އަހަރު ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ މާޗް މަހު، މުޝައްރަފް އެނބުރި ގައުމަށް ވަޑައިގަތީ މޭމަހުގެ11ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނުގެ ޕާލަމެންޓްރީ އިންތިޚާބުގައިބައިވެރިވެވަޑައިގަތުމަށެވެ.

ޖެނަރަލް ޕަރުވޭޒް މުޝައްރަފް، ޕާކިސްތާން ސިފައިންގެ އެންމެ އިސްކޮމާންޑަރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޕާކިސްތާނުގެ ވެރިކަމަށް އިސްވެވަޑައިގެންނެވީ 1999 ވަނަ އަހަރު އޭރުގެ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފްގެ ދިމުޤްރާތީ ވައްޓާލުމަށް ފަހު ގެންނެވި ލޭއޮހޮރުވުމެއް ނެތް ޢަސްކަރީ އިންޤިލާބެއްގަ އެވެ. ރައްޔިތުންގެ ފިއްތުންތަކާ ގުޅިގެން މަޖްބޫރީ ޙާލަތުގައި މުޝައްރަފް ޕާކިސްތާނުގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ 2008 ވަނައަހަރުގެ އޮގަސްޓް މަހުގަ އެވެ.

ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުން ވަނީ މުޝައްރަފް އަވަހާރަކޮށްލާނެ ކަމަށްބުނެއޭނާ އަށް މަރުގެ އިންޒާރު ދީފައެވެ. ނަމަވެސް މުޝައްރަފް ވަނީ ތާލިބާނުންގެ މިއިންޒާރަށް ގޮންޖައްސަވައި މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގެންފަ އެވެ.

މުޝައްރަފްގެ ވެރިކަމުގައި ދެފަހަރެއްގެ މަތިން ޕާކިސްތާނުގެ ދަސްތޫރު އުވާލެއްވުމާއި ދަސްތޫރުން ބޭރުވެވަޑައިގެން ހިންގެވި ފަނޑިޔާރުން މަޤާމުން ވަކިކުރުމާއި ފަނޑިޔާރުން ގޭބަންދުކުރުން ފަދަ ދަސްތޫރާ ޚިލާފު ޢަމަލުތަކުގެ ސަބަބުން ގައުމަށް ޚިޔާނާތްތެރިވި ކަމުގެ ކުށް މުޝައްރަފްގެ މައްޗަށް ސާބިތުވުމަކީ ވަރަށް ގާތްކަމެއް ކަމަށް ޤާނޫނީ ތަޖްރިބާކާރުން ދެކެއެވެ.
މުޝައްރަފްގެ މައްޗަށް މިކުށް ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށް ލުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް ވެސް ޤާނޫނީ މާހިރުން ވިދާޅުވެ އެވެ. (ނޫސްއެޖެންސީތައް)