01 May 2013, 10:51
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީ އަށް މި އަހަރުގެ ފުރަތަމަ ތިން މަހުގެ ސާފު ފައިދާ 3.3 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެ ކުންފުނިން އާންމު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓުން ދައްކައިފި އެވެ.
އެމްޓީސީސީ އިން އިއްޔެ އާންމުކުރި އެ ކުންފުނީގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބްތަކަށް ބަލާ އިރު އެ ކުންފުނިން 129 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 24 މިލިއަން ރުފިޔާ ލިބިފަ އެވެ. ނަމަވެސް ހަރަދަށް ކަނޑާ އެ ކުންފުންޏަށް ވިޔަފާރީގެ ފައިދާގެ ގޮތުގައި ހަ މިލިއަން ރުފިޔާ ލިބުނެނެވެ. އަދި ފައިސާ ހޯދުމަށް ކުރަންޖެހުނު ހަރަދުކަނޑައި ސާފު ފައިދާ އަށް ޖެހުނީ 3.3 މިލިއަން ރުފިޔާ އެވެ.
މިއީ 2011 ވަނަ އަހަރުގެ އެ މުއްދަތުގައި އެކުންފުއްޏަށް ލިބުނު 2.3 މިލިއަން ރުފިޔާއަށް ވުރެ ގާގްގަނޑަކަށް އެއް މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަސް ނިމުނު އިރު އެ ކުންފުނީގެ ދަރަނި ހުރީ 321 މިލިއަން ރުފިޔާގަ އެވެ. އަދި އެ ކުންފުނީގެ ޖުމުލަ ރައުސުލްމާލުގައި ހުރީ 265 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީ އަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބޮޑު ފައިދާއެއް ވެފައިވާ އިރު އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އަށް 24 މިލިއަން ރުފިޔާ ލިބިފައި ވާތީ މޫނުމަތީ އަގު 50ރުފިޔާގެ ހިއްސާއަކަށް 15ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެމްޓީސީސީގައި ސަރުކާރުގެ 47.8 ޕަސެންޓް ހިއްސާވާއިރު އާންމު ރައްޔިތުންގެ 44.7 ޕަސެންޓްގެ ހިއްސާ އާއި އެމްއެންއެސްއެލް ގެ 7.5 ޕަސެންޓް ހިއްސާ ހިމެނެ އެވެ.