01 May 2013, 10:36
ވޮޝިންޓަން (މޭ 01): އދ. ން ޖެނީވާގައި ކުރިޔަށްގެންދާ ނިއުކްލިޔާ ފެތުރުން މަނާކުރާ މުޢާހަދާއާބެހޭ ވާހަކަތަކުން މިސްރު ވަކިވުމުން އެކަމާ މެދު ހިތާމަކުރާ ކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ތޯމަސް ކެންޓްރިމެން ވިދާޅުވީ ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރުމާ ބެހޭ ޖެނީވާގެ ވާހަކަތަކުން މިސްރު ވަކިވުމަކީ ދެރަކަމެއް ކަމުގަ އެވެ. މިއީ ނިއުކްލިޔާ ހަތިޔާރުން ސަލާމަތްވެގެންވާ ސަރަހައްދަކަށް މެދުއިރުމަތި ހެދުމަށް ކުރެވޭ މަސައްކަތަށް ހީނަރުކަން ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
އދ. އިން ޖެނީވާގައި ކުރިޔަށްގެންދާ ނިއުކްލިޔާ ފެތުރުން މަނާކުރާ މުޢާހަދާއާ ބެހޭ ވާހަކަތަކުން ވަކިވިކަން މިސްރުން އިޢްލާންކޮށްފައިވާ އިރު މިސްރުން ވަނީ 1970ގެ އަހަރުތަކުގައި އެގައުމުން ކުރިޔަށް ގެންދިޔަ ނިއުކްލިޔާ ޓެކްނޮލޮޖީގެ މަޝްރޫޢު ވެސް އަލުން ކުރިޔަށް ގެންދިޔުމަށް ނިންމިކަން ހާމަކޮށްފަ އެވެ. މިމައްސަލާގައި ވެސް އެމެރިކާ ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
މިސްރަކީ އީރާނަށްވުރެ ވެސް ކުރިން ނިއުކްލިޔާ ޕްރޮގްރާމް ފެށި ގައުމެކެވެ. ނަމަވެސް އެމެރިކާގެ ފިއްތުންތަކާ ގުޅިގެން މިސްރު ވަނީ 1983ގައި ނިއުކްލިޔާ މަޝްރޫޢު މުޅިން ހުއްޓާލާފަ އެވެ. ނިއުކްލިޔާ ޕްރޮގްރާމް އަލުން ފެށުމަށް މިސްރުން ނިންމީ މިސްރުގައި މިހާރުގެ ރައީސް މުޙައްމަދު މުރުސީގެ ދިމުޤްރާތީ ސަރުކާރަކީ އެމެރިކާއާއި ހުޅަނގުގެ ނުފޫޒުގެ ދާއިރާއިން ބޭރުގައިވާ ސަރުކާރަކަށްވާތީ ކަމަށް ވަނީ ބެލެވިފަ އެވެ.
ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުޢާހަދާ އަށް ޢަމަލު ކުރުމާބެހޭ ގޮތުން އދ. އިން ޖެނީވާގައި ކުރިޔަށް ގެންދާ ބައްދަލުވުމުން ވަކިވުމަށް ނިންމީ ނިއުކްލިޔާ ހަތިޔާރުން ސަލާމަތްވެގެންވާ ސަރަހައްދެއްގެ ގޮތުގައި މެދުއިރުމަތި ހެދުމަށް ގޮވާލައި 1995 ވަނަ އަހަރު ފާސްކޮށްފައިވާ ޤަރާރު ތަންފީޒުކުރުމުގައި އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލުން ނުލިބޭތީ މިވާހަކަތަކުގައި ބައިވެރިވުމަކީ ބޭކާރު ކަމަކަށް ވާތީ ކަމަށް ވެސް މިސްރުން ބުނެ އެވެ.
ނިއުކްލިޔާ ހަތިޔާރުން ސަލާމަތްވެގެންވާ ސަރަހައްދެއްގެ ގޮތުގައި މެދުއިރުމަތި ހެދުމަށް ގޮވާލައި 1995 ވަނަ އަހަރު ފާސްކޮށްފައިވާ ޤަރާރަށް ޢަމަލު ކުރުމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އދ. ނާކާމިޔާބުވެފައި ވަނީ މެދުއިރުމަތީގައި ނިއުކްލިޔާ ހަތިޔާރުހުރި ހަމައެކަނި ގައުމަކީ އިސްރާއީލު ކަމަށްވެފައި ނިއުކްލިޔާ ބާރެއްގެ ގޮތުގައި އިސްރާއީލު ދަމަހައްޓަން އެފަރާތްތަކުން ބޭނުންވާތީ ކަމަށް ވަނީ ބެލެވިފަ އެވެ. މިސްރުގެ ބަޔާނުގައި ވެސް ވަނީ ނުސީދާގޮތެއްގައި މިކަން ހާމަކޮށްފަ އެވެ.
ނިއުކްލިޔާ ހަތިޔާރުން ސަލާމަތްވެގެންވާ ސަރަހައްދެއްގެ ގޮތުގައި މެދުއިރުމަތި ހެދުމަށް ފާއިތުވި ސާޅީހަކަށް އަހަރު ތެރޭގައި މިސްރުން ބޮޑެތި މަސައްކަތްތަކެއްކޮށްފައިވާ ކަމަށް މިސްރުން ބުނެ އެވެ. ނަމަވެސް މިކަމަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެއްބާރުލުން ލިބެމުންނުދާތީ ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުޢާހަދާއަށް ޢަމަލު ކުރުމާ ބެހޭ އދ.ގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ބޭނުމާ މެދު މިސްރުން ވަނީ ޖެނީވާގެ ބައްދަލުވުމުގައި ސުވާލު އުފައްދާފަ އެވެ.
އިސްރާއީލުގެ ވަށައިގެންވާ ޢަރަބި އިސްލާމީ ގައުމުތަކުގެ ނިއުކްލިޔާ ޕްރޮގްރާމްތައް ހުއްޓުވުމަށް ކުރެވެންއޮތްހާ މަސައްކަތެއް ކޮށްފައި އިސްރާއީލުގެ ނިއުކްލިޔާ ޕްރޮގްރާމަށް ސިއްރިޔާތުގައި އެހީތެރިވާކަމުގެ ތުހުމަތު އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ މައްޗަށް ވަނީ ކުރެވިފަ އެވެ. ނިއުކްލިޔާ ހަތިޔާރުން ސަލާމަތްވެގެންވާ ސަރަހައްދެއްގެ ގޮތުގައި މެދުއިރުމަތި ހެދުމަށް އެޅިފައިވާ ހުރަހަކީ އިސްރާއީލެވެ. އިސްރާއީލަކީ މެދުއިރުމަތީގައި ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ހަމައެކަނި ގައުމު ކަމަށްވާއިރު ވެސް އިސްރާއީލުގައިވާ ނިއުކްލިޔާ ހަތިޔާރުތައް ނައްތާލުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމުގެ ތުހުމަތު އދ.ގެ މައްޗަށް ވެސް ވަނީ ކުރެވިފަ އެވެ.
ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުޢާހަދާގައި އިސްރާއީލު ފިޔަވައި މެދުއިރުމަތީގެ އެހެން ހުރިހާ ގައުމެއް ވެސް ވަނީ ސޮއިކޮށްފަ އެވެ. މިމުޢާހަދާގައި ސޮއިކުރުމަށް އިސްރާއީލު ތަކުރާރުކޮށް ދެކޮޅު ހަދާއިރު ވެސް މިމުޢާހަދާގައި ސޮއިކުރުމަށް އދ. ންވެސް އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް އިސްރާއީލަށް އެއްވެސް ފިއްތުމެއް ކުރިމަތި ނުކުރާތީ އަރަބި އަދި އިސްލާމީ ގައުމުތަކުން ގެންދަނީ އދ.ގެ ކަމާބެހޭ ބައްދަލުވުންތަކުގައި މިކަމުގެ ޝަކުވާ އުފުލަމުންނެވެ. (އަލްޖަޒީރާ)