ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ-ފައިނަލުގެ ދެވަނަ ލެގުގައި ރޭ ސްޕެއިންގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ބައްދަލު ކުރި މެޗު ދޭއް ސުމަކުން ރެއާލް ކާމިޔާބު ކުރިނަމަވެސް 3-4ގެ އެގްރިގޭޓް ނަތީޖާއިން ފައިނަލަށް ދިޔައީ ޑޯޓްމަންޑުއެވެ.

ޖަރުމަނުގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުން 4-1ން ރެއާލް ބަލިވެފައި ވުމުން ފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމަށް ޑޯޓްމަންޑުގެ މައްޗަށް ތިން ލަނޑުގެ ލީޑެއް ރެއާލް ހޯދަންޖެހެއެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައިވެސް ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބި އެކުލަބުން ވަނީ ބޭކާރު ކޮށްލާފައެވެ. މެޗުގައި ޑޯޓްމަންޑަށްވެސް ނަތީޖާ ބަދަލުކޮށްލާނޭ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވެއެވެ.

ރެއާލްއަށް ކުޑަވެސް އުއްމީދެއް ހޯދައިދިނީ މެޗުގެ 82 ވަނަ މިނިޓުގައި ކަރީމް ބެންޒެމާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި އޭގެ ހަ މިނިޓުފަހުން ސަޖިއޯ ރާމޯސްވަނީ ނަތީޖާ ފުޅާކޮށްފައެވެ. އެހެން ނަމަވެސް މިސީޒަންގައި ޗެމްޕިއަންސް ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ ކުޅެމުން އައި ޑޯޓްމަންޑުގެ ކުޅުންތެރިން ވަނީ ބައިކޮޅަށް އިތުރު ލަނޑެއް ވަނަ ނުދީ ރެއާލް ހިފަހައްޓާފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް ބޮރޫޝިއާ ޑޯޓްމަންޑަށް ލިބުނު މިއީ ދެވަނަ ފަހަރެވެ. އެކުލަބު އެ މުބާރާތުގެ ފައިނަލެއްގައި ކުޅެފައިވަނީ މީގެ 16 އަހަރު ކުރިންނެވެ. އެފަހަރު އެކުލަބު ފައިނަލުން ޖާގަ ހޯދީ އިޓަލީގެ ޔުވެންޓާސް 3-1ން ބަލި ކޮށްގެންނެވެ.

މިފަހަރުގެ ސެމީ-ފައިނަލުން ރެއާލް ކެޓުމުން އެ ޓީމު ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގައި ޖެހިޖެހިގެން ތިން ފަހަރު ކުޅެ ފައިނަލަށް ނުގޮސްކެޓި ފުރަތަމަ ޓީމަށެވެ. 2011ގައި ބާސެލޯނާ އަތުން ރެއާލް ބަލިވީ 3-1ގެ އެގްރިގޭޓް ނަތީޖާއިންނެވެ. އަދި މިދިޔަ އަހަރުގެ ސެމީފައިނަލުން ރެއާލް ކެޓީ ޖަރުމަނުގެ ބަޔާން އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

ސެމީ-ފައިނަލުގެ ދެވަނަ މެޗުގެ ދެވަނަ ލެގުގައި ބައްދަލު ކުރާނީ ސްޕެއިންގެ ބާސެލޯނާއާއި ޖަރުމަނުގެ ބަޔާން މިޔުނިކު އެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 11:45ގަ އެވެ.