01 May 2013, 10:17
ގައުމީ ހަކަރާތުން ރޭ ބޭއްވި އެއްވުމުގައި ރައީސް މުހައްމަދު ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ ޝެއިހް އިލްޔާސް ހުސައިނެވެ. ނަމަވެސް ރައީސް ނަޝީދަށް ފާޑު ވިދާޅުވުންތައް އަމާޒު ކުރެއްވިއިރު ރައީސް ނަޝީދުގެ ނަމެއް އިލްޔާސް ފާހަގައެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ "ދިވެހި ގައުމުގެ ތަހުތަށް އައި ބޭފުޅަކަށް [ރައީސް ނަޝީދަށް] މި އިލްޔާސް ހުސައިން ފޯނުކޮށްފައި، ހެޔޮނުވާނެއޭ" ވިދާޅުވެ އިލްތިމާސެއް ކުރެއްވި ކަމަށެވެ. އެއީ "ހަމްދު ސަލަވާތް" ވިދާޅުވުމަށް ކުރެއްވި އިލްތިމާސެވެ. މާތް ﷲއަށް ހަމްދުކޮށް، ކީރިތި ރަސޫލާ އަށް ސަލަވާތް ކިޔަވުމަށެވެ.
~
"ހެޔޮނުވާނެއޭ ގައުމާ މުހާތަބު ކުރާއިރު އެންމެ މަދުވެގެން ﷲއަށް ހަމްދު ކުރަމޭ ރަސޫލާއަށް ސަލަވާތް ކިޔަވަމޭ ބުނާށޭ. ބުނީމަ ފިގުހު އެކަޑަމީގެ ކޮމެޓީ ހުޅުވި ދުވަހެއްގައި ސަލަވާތް ކިޔެވި،" އިލްޔާސް ވިދާޅުވާ ގޮތުން އެ އިލްތިމާސަކީ އެމްޑީޕީ ވެރިކަމުގައި ނަޝީދަށް ކުރެއްވި އިލްތިމާސެއްކަން އޭނާގެ ވާހަކަތަކުން އެނގެ އެވެ.
ނަމަވެސް އެ ދުވަހު ނަޝީދުގެ ހަމްދު ސަލަވާތް ވިދާޅުވީ "އެކޮޅު ކޮޅުން ކަމަށް" އިލްޔާސް ތުހުމަތު ކުރައްވަ އެވެ. ނަމަވެސް އެ ހަމްދު ސަލަވާތް ވިދާޅުވީ ކޮން ގޮތަކަށް ކަމެއް އިލްޔާސް ތަފްސީލު ނުކޮށްދެއްވަ އެވެ. ނަމަވެސް އެ ދުވަހު ގާތް "އަޚެއްގެ" ފަރާތުން ވަރުގަދަ ޖަވާބެއް ލިބުނު ކަމަށް އިލްޔާސް ވިދާޅުވެ އެވެ.
އެ ޖަވާބަކީ މިޔެވެ. "އޭނާ ނުކުރާ ކަމެއް ކަލޭ އޭނަ ލައްވާ ކުރުވަން އުޅުނީމަ އެހެން ނޫންހޭ ވާނީ،" އެ ޖަވާބު ދެއްވީ އެމްޑީޕީއާ ގުޅިވަޑައިގެން އުޅުއްވާ އިލްޔާސްގެ "އަޚަކު" ކަމަށް އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ﷲ އަށް ހަމްދުކޮށް ރަސޫލާ އަށް ސަލަވާތް ކިޔެވުމަށް އެދިވަޑައިގެންނެވުމުން ބައެއް މީހުންގެ ކައިރީގައި "ލޭ ކެކި، ލަގޮނޑިއަށް އަސަރު ކުރާ" ކަހަލަ ޖަވާބު ނަޝީދު ދެއްވާފައި ހުރި ކަމަށެވެ.
"[ނަޝީދު ވިދާޅުވީ] އެކަލޭގެ [ރަސޫލާގެ] މައްޗަށް މަ ނުޖެހޭނެއޭ ސަލަވާތް ކިޔަވަން. މިއީ ކާކުތޯ. ލަގޮނޑިއަށް އަސަރު ކުރާނެ، ލޭ ވެސް ކެކޭނެ. ނުކުންނަން ޖެހިއްޖެ ކަމުގައި ވަނީ ނަމަ ނުކުންނާނަން. އެ ކަމަށްޓަކައި މިއަދު ޕޯޑިއަމަށް ވެސް މި އެރީ. މީގެ އެތައް ކަމެއް އަދި ކުރާނަން،" އިލްޔާސް ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅުތަކުގެ ކުރިއަށް "ހަމްދު ސަނާ" ނުގެންނަވާ މައްސަލާގައި ފާޑު ކިޔުމުން "މުއްލާއިން ތިބެން ޖެހޭނީ މިސްކިތުގައި ތަގުރީރު ކުރާށޭ، ސިޔާސަތާ ބެހިގެން ނުވާނެ" ކަމަށް ބުނެ އަމުރު އައި ކަމަށްވެ އެވެ. އެ އަމުރަށް އިލްޔާސްގެ ޖަވާބަކީ ދުނިޔެ ދެކެފައިވާ އެންމެ ބޮޑު ސިޔާސީ ލީޑަރަކީ ކީރިތި ރަސޫލާ މުހައްމަދުގެފާނެ އެވެ.
ގަޑިއެއްހާއިރަށް އިލްޔާސް ރޭ ދެއްކެވި ވާހަކަފުޅު ދަރުހަކަށް ވެސް ފުދެ އެވެ. އަދި ސިޔާސީ ވާހަކަތަކަށް ވެސް ކަމުދެ އެވެ. ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ތައުރީފު ނުކުރައްވާ ވަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް އިލްޔާސް ތައުރީފު ކުރެއްވި އެވެ. އެ ތައުރީފުގެ ބަސްތައް ފެށެނީ "ބާޣީ"ގެ ލަދުވެތި ލަގަބު އިލްޔާސްގެ ބޮލުގައި ރަށެއްގެ ބަޔަކު އަޅުވާ ހިސާބުންނެވެ.
"ކޮންމެވެސް ރަށެއްގައި އަޅުގަނޑާ ދިމާލަށް، އެ ބުނާ ކުލައެއް ޖެހިފައިވާ [އެމްޑީޕީ ސަޕޯޓަރުން] ބަޔަކު ބުނަނީ އިލްޔާސޭ އައިސްބަލާށޭ، މި ގޮނޑީގައި އިށީންނަން، އަތެއް ނުލާނަމޭ. އަންނާށޭ ވާހަކަ ދައްކާލަން. ކީއްވެހޭ ނުކުރެނީ ފިނޑި މީހެއްހޭ. އަޅުގަނޑު ތިން ފަހަރު އަޑުއަހައިގެން ހުރުމަށް ފަހު އަޅުގަނޑުގެ ޒަމީރު ކުޑަކޮށް ކެކުނީ، އަޅުގަނޑަށް ކުރެވުނު ކުށަށް މާއާފަށް ވެސް އެދެން،"
މަލާމަތުގެ ރާގަކަށް އެފަދަ ގޮތަކަށް ބަޔަކު ދިމާކޮށްލުމުން އިލްޔާސް އަމަލު ކުރެއްވީ ގޮތް ކިޔައިދިނެވެ. "ގަޔަށް އަތްލާ ވާހަކަ ދެއްކީމާ ޖުމުލައެއް ބުނެލާނަމޭ. އަޅުގަނޑުގެ ގަޔަށް އަތްލާ މީހަކު ބިންމަންޗަށް ތިރިނުކޮށްފިނަމަ، އަޅުގަނޑުގެ ނަމަކީ އިލްޔާސް ހުސައިނެއް ނޫނޭ،"
އެމްޑީޕީގެ ސަޕޯޓަރުންނަށް އެފަދަ ޖަވާބެއް ދެވުނީތީ ހިތާމަ ކުރައްވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. "އިސްލާމް ދީން އަޅުގަނޑު ކައިރީގައި ބުނަނީ އެހެން ނަހަދާށޭ. އެއީއޭ ތަފާތަކީ. އެހެންވީމާ އެކަން ނުކުރާނަމޭ،" އިސްލާމް ދީން އަބަދު ވެސް މަސްލަހަތަށް އިސްކަން ދޭކަން އޭނާ ހަނދާންކޮށްދިނެވެ. ހަގީގީ މުސްލިމަކީ އެ މީހެއްގެ ދުލާއި އަތްފައިގެ ގުނަވަންތަކުން އަނެކާ ރައްކާތެރި ކުރާ މީހާކަން ހަނދާންކޮށްދިނެވެ.
މިސާލު ނެންގެވީ ރައީސް ޑރ. މުހައްމަދު ވަހީދަށް ނިސްބަތް އެމްޑީޕީން ގޮވާ "ބާޣީ"ގެ ތުހުމަތަށް އެއްވެސް ޖަވާބެއް ނުދެއްވައި ވަހީދު އަމަލު ކުރައްވާ ގޮތެވެ.
"މިއަދު ހުންގާނުގައި ހުންނެވި ބޭފުޅާގެ ކެތްތެރިކަމަށް އައްސަރިބަހާއި ސާބަސް ދެން. ސާބަސް ދެން. މިއަދާ ހިސާބަށް އަޅުގަނޑު އަޑު ނާހަން ބަދު ބަހެއް މީހަކާ ދިމާލަށް އެހާ ގިނައިން ހަޑިއެއްޗެހި ކިޔާއިރު ވެސް ހަމަ އެންމެ ޖުމްލައެއް ވެސް އަޅުގަނޑު އަޑެއް ނާހަން. ރައީސް ވަހީދުގެ ކެތްތެރި ކަމަށް އައްސަރިބަހާއި ސާބަށް ދެން،" ރައީސް ވަހީދަށް ތައުރީފުކޮށް އިލާސް ވިދާޅުވި އެވެ.
ނަޝީދަށް ހަމްދު ސަލަވާތް ވިދާޅުވުމަށް އިލްތިމާސެއް ކުރެއްވި ގޮތަށް ރައީސް ވަހީދަށް އިސްތިމާސެއް ވެސް އިލްޔާސް ކުރެއްވި އެވެ. "އިލްތިމާސްކޮށް ދަންނަވާނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ތިޔަ ބޭފުޅާ ވެސް [ރިޔާސީ އިންތިހާބު] ކާމިޔާބު ކުރައްވަން ބޭނުންފުޅުވަނީ ނަމަ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް ދެއްވާށޭ. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އެކަމާ މެދުގައި ވިސްނައި ފިކުރުކޮށް، އަޅުގަނޑުމެންގެ ގައުމު ހިމާޔަތް ކުރުމަށް ޓަކައި ތެދުވާނަމޭ."