މޯލްޑިވްސް ފައިނޭންސް ލީސިން ކުންފުނީގެ ފަރާތުން މޮޓަރު ސައިކަލް ލީސްކޮށްދޭން ފަށައިފި އެވެ.


ލީސިން ކުންފުނީގެ މާކެޓިން އެގްޒެކެޓިވް އާމިނަތު ރަޝީދާ މިއަދު ވިދާޅުވީ ލީސިން ކުންފުނިން ސައިކަލް ދޫކުރުން ތައާރަފު ކުރީ މީގެ ދެ ހަފުތާ ކުރިން ކަމަށާއި ފުރަތަމަ ދެ ހަފުތާވީ އިރު ސައިކަލް ލީސްކުރަން އާންމުންގެ ޝައުގުވެރިކަން ވަރަށް ބޮޑުވެފައިވާ ކަމަށެވެ.


"އެޕްލިކޭޝަން މިހާރު ވެސް ވަރަށް ގިނަ އަދަދެއް މީހުން ނަގައިފި. އެ އަދަދު މި ވަގުތު ސީދާ ދަންނަވާ ނުލެވުނަސް ވަރަށް މަތި. ހަމައެ އާކު މައުލޫމާތު ސާފު ކުރަން އަންނަ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މައްޗަށް ގޮސްފައި،" އާމިނަތު ރަޝީދާ ވިދާޅުވި އެވެ.


‹މައުލޫމާތު ސާފު ކުރަން އަންނަ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މައްޗަށް ގޮސްފައި›


އޭނާ ވިދާޅުވީ ސައިކަލް ލީސްކުރަން ޖެހުނީ ސައިކަލެއް ލިބިގަތުމަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމަކަށްވެފައި ލީސީން ކުންފުނިން އެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް އެކިއެކި ފަރާތްތަކުން ކުންފުނީގައި ޝައުގުވެރިކަން ފާޅު ކުރަމުން އަންނާތީ ކަމަށެވެ.


އޭނާ ވިދާޅުވީ ލީސީން ކުންފުނިން ހޯދައިދޭނީ 200 ސީސީއިން ދަށުގެ ސައިކަލްތައް ކަމަށާއި ރާއްޖެއަށް ސައިކަލް އެތެރެ ކުރާ ކޮންމެ ސަޕްލަޔަރަކު އެތެރެކުރާ ކޮންމެ ބްރޭންޑެއް ނަމަވެސް 200 ސީސީއިން ދަށް ނަމަ ލީސިން މެދުވެރިކޮށް ސައިކަލް ލީސްކޮށްދޭނެ ކަމަށެވެ.


ލީސީން ކުންފުނިން ބުނީ ސައިކަލް ލީސް ކޮށްދޭނީ ލީސްގެ ދަށުން މަހުން މަހަށް ލީސް ރެންޓް ދެއްކޭވަރުގެ އާމްދަނީ ލިބޭ އުމުރުން 21 އަހަރުން މަތީ ފަރާތްތަކަށް ކަމަށާއި އަދި އެއީ އަދާކުރާ ވަޒީފާގައި މެދުނުކެނޑި މަދުވެގެން ދެ އަހަރު އުޅެފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ.


ލީސިން ކުންފުނިން ތައާރަފު ކުރި އާ ސްކީމްގެ ދަށުން ސައިކަލް ގަތުމަށް ފަންޑު ކުރަން ޖެހޭ އެންމެ މަތީ އަދަދަކީ 50000ރ. އެވެ. ލީސް ކުރަނީ 18 މަސް ދުވަހަށެވެ. ސައިކަލް ލީސްކުރާ އިރު ޑައުންޕޭމަންޓްގެ ގޮތުގައި ފުރަތަމަ ދައްކަން ޖެހެނީ 5000ރ. އެވެ. މަހަކު ދައްކަން ޖެހެނީ 2330ރ. އެވެ.