ބައިނައްލަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ ހިނގާލުމެއް މިއަދު ބާއްވައިފި އެވެ.

ވެލާނާގޭ ކައިރިން މިއަދު ހެނދުނު 6:30 ކަންހާއިރު ފެށި އެ ހިނގާލުމުގައި ސިވިލް ސާވިސް ކޮމިޝަންގެ އިސްވެރިންނާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން ބައިވެރިވެފައިވެ އެވެ. ނަމަވެސް މިއަދުގެ އެހިނގާލުމުގައި އެހާ ގިނަ ބަޔަކު ބައިވެރިވެފައެއް ނުވެ އެވެ.

އެހިނގާލުން ކުރިއަށް ގެންގޮސްފައި ވަނީ މެދުޒިޔާރަތް މަގުން ހުޅަގަށް ގޮސް ޗާންދަނީމަގުން ދެކުނަށް އަދި މަޖީދީމަގުން އިރަށް ދިއުމަށްފަހު، ހިނގާލުން ނިންމާލާފައިވަނީ އާޓިފިޝަލް ބީޗަށެވެ. މިއަދުގެ އެހިނގާލުން ކުރިއަށްދިޔަ ވަގުތު މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލާ ޝުއޫރުފާޅުކުރުމުގެ އިތުރުން އެކަމަށް ގޮވާލާ ބޯޑްތައް ބޭނުންކޮށްފައިވެ އެވެ.

ހިނގާލުން ނިންމާލުމަށް ފަހު ދެއްވި އިންޓަވިއުއެއްގައި ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ހަސަން ދީދީ ވިދާޅުވީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު ސިވިލް ސާވިސް މުވައްޒިފުނަށް ތަފާތު ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްލަންޖެހޭ ކަމަށެވެ. އަދި އެފަދަ ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސިވިލް ސާވިސް މުވައްޒިފުނަކީ ޕްރޮފެޝަނަލް ކަމާއެކު ކޮންމެ ސަރުކާރާކާ އެކުގައި ވެސް މަސައްކަތް ކުރާނެ މުވައްޒިފުނަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ތަފާތް ހަރަކާތްތަކެއް ހިންގުމަށް ނިންމައިފަ އެވެ. އެގޮތުން މިރޭ ސިވިލް ސާވިސް ކޮމިޝަންގެ މުއައްޒިފުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު މާދަމާ ސިވިލް ސާވިސް މުވައްޒިފުން އޮފީހަށް ދިއުމަށް ވެސް ނިންމާފައިވަނީ ގައުމީ ހެދުމެއްގަ އެވެ.