30 Apr 2013, 23:13
ތަރައްގީގެ މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުގައި ޖަހާފައިވާ ލޯނުތަކުގެ ތެރެއިން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ)ގެ އަށް ލޯނެއް ސަރުކާރުން ނެގުމުގެ ހުއްދަ މަޖިލީހުން ދިނުމަށް މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.
އަށް ލޯނެއް ނެގުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ އިރު ތިން ލޯނެއްގެ އިންޓްރެސްޓް ރޭޓު ބޮޑުވުމުގެ ސަބަބުން އެ ލޯނުތައް ނެގުމުގެ ހުއްދަ މަޖިލީހުން ނުދިނުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ. މި އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރި އިރު، ބަޖެޓުގައި ޖަހާފައި ވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގާ އިރު، އަދި ގެރެންޓީދޭ އިރު ވެސް އެ ލޯނަކީ ހަތް ޕަސެންޓު އިންޓްރެސްޓަށް ވުރެ ބޮޑު އަދަދެއް އަރާ ލޯނަކަށްވާ ނަމަ މަޖިލީހުން އެ ލޯނަކަށް ހުއްދަ ދީގެން ނުވާނެ ކަމަށެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް މިރޭ ވިދާޅުވީ މަޖިލީހުން ރުހުން ދިނުމަށް ނިންމި ލޯނުތަކަކީ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ނަގާ 20 މިލިއަން ޑޮލަރުގެ ލޯނަކާއި ބަނދަރު ހެދުމަށް ބޭނުންވާ 20 މިލިއަން ޑޮލަރުގެ ލޯނަކާއި ގދ. ތިނަދޫގައި ރިނައުބަލް އެނާޖީ ޕްރޮޖަކްޓެއް ހިންގުމަށް ނަގާ ލޯނެއް ވެސް ހިމެނޭ ކަމަށެވެ.
ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ނަގާ ލޯނުން ހަރަދު ކުރާނީ ބ. ތުޅާދޫއާއި ނ. ވެލިދޫއާއި ރ. ހުޅުދުއްފާރާއި ގއ. ކޮލަމާފުށްޓާއި ގދ. ގައްދޫގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށެވެ.
ނާޒިމް ވިދާޅުވީ މާލޭގެ ފޯތު ޕަވާ ޕްރޮޖެކްޓަށް ކުރިއަށް ގެންދިއުމަށް ކުރިން ނެގި ލޯނުގެ އިތުރަށް
2.5 މިލިއަން ޔޫރޯ ނެގުމަށް ލޯނެއް ބޭނުންވާތީ އެ ލޯނު ނެގުމަށާއި ފަސް ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށް 15 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމުގެ ހުއްދަ ދިނުމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި މޯލްޑިވްސް އައިޓީީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް މަޝްރޫ (ސްމާޓް ބިލްޑިން ޕްރޮޖެކްޓް) 57.1 މިލިއަން ޑޮލަރުގެ ލޯނަކާއި ފުވައްމުލަކުގައި ނަރުދަމާއި ފެނުގެ ނިޒާމް ގާއިމް ކުރުމަށް 15 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ރުހުމް މިދިން ލޯނުތަކަކީ ދުނިޔޭގެ މާލީ އިދާރާތަކުން ވަރަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު އަދާކުރުގެ ދިގު މުއްދަތުތަކެއް ހިމެނޭ ގޮތަށް ހުރި ލޯނުތަކެއް. އެކަމަކީ 2013 ވަނަ އަހަރުގެ ބަޖެޓަށް އިތުރު ބުރައެއް ވާނެ ކަންކަމެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.
މަޖިލީހުން ރުހުން ނުދިނުމަށް ނިންމި ލޯނުތަކުގެ ތެރޭގައި އައިޖީއެމްއެޗްގެ އިމާރާތް ނިންމުމަށް ބޭނުންވާ ލޯނު ހިމެނެ އެވެ. އެ ލޯނުގެ އިންޓްރެސްޓް 10 ޕަސެންޓަށް ވުރެ ބޮޑުވާތީ ކޮމެޓީން ވަނީ އެ ލޯނަށް ހުއްދަ ނުދިނުމަށް ނިންމާފަ އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ލޯނުތަކުގެ ތެރެއިން އަށް ލޯނެއް ނެގުމުގެ ހުއްދަ މަޖިލީހުން ދިނުމަށް ކޮމެޓީން ނިންމީ ސަރުކާރަށް ތާއިދު ކުރާ ހަތަރު މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ލޯނުތައް ނެގުމަށް ދެކޮޅަށް ވޯޓު ދެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމެވެ.
އެމްޑީޕީގެ މެންބަރުން ވަނީ މިއަދުގެ ކޮމެޓީގެ ބައްދަލުވުގައި ބައިވެރިނުވާނެ ކަމަށް ބުނެ ވޯކައުޓް ކުރައްވާފަ އެވެ.