30 Apr 2013, 22:41
ހުޅުމާލޭ ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަކީ ސައްހަ ބޭންޗެއް ނޫން ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުން އަވަސްކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެ ކޯޓަށް ސިޓީ ފޮނުވީ ކޮމިޝަންގެ މެންބަރުންނާ މަޝްވަރާ ނުކުރައްވައި ކަމަށް ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދު ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އެ ކޮމިޝަނުން ހައި ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަންތައްތަކާ ބެހޭ ގޮތުން ކޮމިޝަނުގައި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއި މަޝްވަރާ ނުކުރައްވައި އެފަދަ ސިޓީއެއް ފޮނުއްވާފައި ވާތީ އެކަމާ ކަންބޮޑުވެ ވަޑައިގެންނަވާ ކަމަށް ވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.
ސަން އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ޖޭއެސްސީގެ މިޑިއާ އޮފިޝަލް ހަސަން ޒަހީން ކުރިން ވިދާޅުވީ އެ ކޮމިޝަންގެ މައްޗަށް ދައުވާކޮށް ރައީސް ނަޝީދު ހުށަހެޅި މައްސަލަ އަވަސްކޮށް ދިނުމަށް އެ ކޮމިޝަނުން ހައި ކޯޓުގައި އެދިފައިވާނެ ކަމަށާއި އެއީ އަލަށް ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ.
ޝާހިދުގެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ ޖޭއެސްސީގެ ސިޓީގައި ބުނެފައިވާ ބައެއް ވާހަކަތަކަކީ ކޮމިޝަނުގެ ގާނޫނީ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި ދައްކަވަން ޖެހޭ ވާހަކަތަކެއް ކަމަށާއި ޖުޑީޝަލް ސަވިސް ކޮމިޝަނަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ގޮތް ނިންމަން އޮތް ކޮމިޝަނެއް ކަމަށްވާ އިރު ޝަރީޢަތް ކުރައްވާ ފަނޑިޔާރަކު ވަކި ގޮތަކަށް ކަން ކުރައްވަން ޖެހޭނެ ކަމަށް ކޮމިޝަނުން ދެކޭ ކަމަށް ވިދާޅުވެ ސިޓީއެއް ފޮނުއްވުމަކީ މަޖިލީހުގެ ރައީސް ގަބޫލުކުރައްވާ ގޮތެއް ނޫންކަމުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ ރައީސް އަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީން މަޖިލީހުގެ ހައި ކޯޓަށް ފޮނުވި ސިޓީއާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންބޮޑުވުން ފާޅުކުރައްވާފައިވާ އިރު އެ މައްސަލަ ހައިކޯޓަށް ހުށަހެޅި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ، ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރި ކަމުގެ ތުހުމަތުގަ އެވެ.