30 Apr 2013, 21:57
އެސްޓީއޯގެ މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ފައިދާ ހުސްވި އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 10 މިލިޔަން ރުފިޔާ ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ރައްޔިތުންނާއި ސަރުކާރުގެ ވިޔަފާރި ކުންފުނިން މިއަދު އާންމުކުރި އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސް ހިސާބުތަކަށްބަލާ އިރު ހަރަދުތައް ކެނޑުމަށް ފަހު ކުންފުނީގެ ސާފު ފައިދާ އަކީ، 32.04 މިލިއަން ރުފިޔާ އެވެ. ހުސްވި އަހަރުގެ އެ މުއްދަތުގައި ކުންފުންޏަށް ލިބުނު ސާފު ފައިދާއަކީ، 42.71 މިލިއަން ރުފިޔާ ނަމަވެސް މި އަހަރު ހަރަދުތައް އިތުރު ވުމުގެ ސަބަބުން ފުރަތަމަ ކުއާޓާގެ ފައިދާ ވަނީ މިދިޔަ އަހަރު ފުރަތަމަ ކުއާޓާއަށް ވުރެ 10.66 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.
އެސްޓީއޯގެ ހިންގުމުގެ ހަރަދަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 144 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު ކުންފުނި ހިންގައިގެން ފައިދާގެ ގޮތުގައި 159 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ހުސްވި އަހަރުގެ ހަމަ އެ މުއްދަތުގެ ތެރޭގައި ކުންފުނީގެ ހިންގުމުގެ ހަރަދަކީ 90.53 މިލިއަން ރުފިޔާ އެވެ. އެ މުއްދަތުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 65.56 މިލިއަން ރުފިޔާ އެވެ.
ހުސްވި އަހަރުގެ ފުރަތަމަ ކުއާޓާގައި ކުންފުނީގެ ޖުމުލަ ފައިދާގެ ގޮތުގައި 150 މިލިއަން ރުފިޔާ ލިބިފައިވާ އިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޖުމުލަ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު ފައިދާއަށް ވުރެ 140 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް އެހެނިހެން ގޮތްގޮތުން ލިބިފައިވާ ފައިދާ 13 މިލިއަން ރުފިޔާ އަށް އަރާއިރު ވޭތުވެ ދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެހެނިހެން ގޮތްގޮތުން ލިބިފައި ވަނީ ފަސް މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހާއި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް އަޅާކިޔާއިރު 2012 ވަނަ އަހަރުގެ ފަހު ކުއާޓާގައި 92 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވެ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު 60 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.