30 Apr 2013, 21:51
އޭއެފްސީ ކަޕްގެ ގްރޫޕް ޖީ ގައި ހިމެނޭ ވިއެޓްނާމުގެ އެފްސީ ޑަނަންގު އާއި ރާއްޖޭގެ މަޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗުން ތިނެއް އެކަކުން ބަލިވެ މާޒިޔާ މުބާރާތުން ކަޓައިފި އެވެ.
މިއަދުގެ މެޗުގައި ޑަނަންގުގެ ފޯވަޑް މެރްލޯ ސެބާސްޓިއަން ގަސްޓޮން ވަނީ މާޒިޔާ ކޮޅަށް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ހަދާފަ އެވެ. އެގޮތުން ޑަނަންގުގެ ފުރަތަމަ ލަނޑު މެރްލޯ ކާމިޔާބު ކުރީ މެޗުގެ 14 ވަނަ މިނިޓުގަ އެވެ. އަދި ދެ ވަނަ ލަނޑު 36 ވަނަ މިނިޓުގައި ކާމިޔާބުކޮށް ތިންވަނަ ލަނޑު ކާމިޔާބު ކުރީ 67 ވަނަ މިނިޓުގަ އެވެ. މާޒިޔާއިން މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވަޑް ހަސަން އަދުހަމަދެވެ.
ޑަނަންގުގެ ޗިލަން ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ނުކުތްއިރު ދެ ޓީމުން ކުރެ މޮޅުވާ ކޮންމެ ޓީމަކަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް ގަލޮޅު ދަނޑުގައި 2-3 މާޒިޔާއަތުން މޮޅުވެފައި އޮތުމާއި އަދި އަމިއްލަ ދަނޑުގައި ކުޅެން ޖެހުމުން ބޮޑަށް އެޑްވާންޓޭޖް އޮތީ ޑަނަންގުއަށެވެ.
އޭފްސީ މުބާރާތުން އަލަށް ޖާގަލިބުނު މާޒިޔާ މުބާރާތުން ކެޓިނަމަވެސް އެ ޓީމު ލައްވައިލި ގްރޫޕް ޖީ ގައި ހިމެނުނު ވަރުގަދަ ޓީމު ތަކާދެކޮޅަށް މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި މެލޭޝިޔާގެ ޗެމްޕިއަން ކެލަންޓަންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ، އެކެއް އެކަކުން އެއްވަރު ކޮށްފައިވާއިރު، އަމިއްލަ ދަނޑުގައި މާޒިޔާ ވަނީ 6-1ން ކެލަންޓަން ބަލިކޮށްފައެވެ.
މިއަދުގެ މެޗުން މޮޅުވުމުން ޑަންނަގަށް ވަނީ ޖުމުލަ ބާރަ ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ލިބި، ގަދަ 16ގައި ހިމެނިފަ އެވެ. ގްރޫޕުގެ އެއް ވަނަ ޓީމެއްގެ ގޮތުގައި ދެ ވަނަބުރަށް ދިޔައީ 13 ޕޮއިންޓު ހޯދައިގެން ކެލަންޓަންއެވެ. މިއަދުގެ މެޗުން ބަލިވުމުން މާޒިޔާ އޮތީ ލިބުނު ހަތް ޕޮއިންޓާއެކު ތިންވަނައިގަ އެވެ. އަދި ގުރޫޕުގެ ފުލަށްދިޔަ މިޔަންމާގެ އަޔެވާދީއަށް ލިބުނީ އެންމެ ތިން ޕޮއިންޓެވެ.