30 Apr 2013, 21:46
ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ސާފް ފައިދާ 374 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ބީއެމްއެލް އިން މިއަދު އާންމުކޮށްފައިވާ އެ ބޭންކުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު އެ ކުންފުންޏަށް މިދިޔަ އަހަރު އާމްމުދަނީގެ ގޮތުގައި 1.35 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހަރަދުތައް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް 374 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ 2011 ވަނަ އަހަރާ އަޅާބަލާ އިރު 52.7 ޕަސެންޓްގެ ކުރިއެރުމެކެވެ.
ދެހާސް އެގާރަ ވަނަ އަހަރު އެ ބޭންކަށް އާމުދަނީގެ ގޮތުގައި ލިބިފައި ވަނީ 1.07 ބިލިއަން ރުފިޔާ އެވެ.
ބީއެމްއެލްގެ ތަފާސް ހިސާބުތަކަށް ބަލާއި މިދިޔަ އަހަރު އެ ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 792 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ 2011 ވަނަ އަހަރު ލިބިފައިވާ 519 މިލިއަން ރުފިޔާއަށް ވުރެ 52.7 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންގެ ފައިދާ އަށް 61.7 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ އިރު ކޮސްޓް އިންކަމް ރޭޝިއޯ ވަނީ 34.9 ޕަސެންޓް އިން 26.2 ޕަސެންޓަށް ތިރިކޮށްފަ އެވެ.
އެ ބޭންކްގެ ސީއީއޯ ޕީޓާ ހޯޓަން އާ ހަވާލާދީ ބީއެމްއެލް އިން ނެރުނު ބަޔާނުގައި ބުނީ އެ ބޭންކަށް މިދިޔަ އަހަރު އެހާ ބޮޑު ފައިދާއެއް ވެފައި ވަނީ އެ ބޭންކުގެ މުއައްޒިފުންގެ ބުރަމަސައްކަތާއި ހިއްސާ ދާރުންގެ ފުރިހަމަ އެއްބާރުލުމާ އެކު ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ލޯނަށް ފައިސާ ނުދައްކާ މައްސަލާގައި އޭނާ ވިދާޅުވީ މިދިޔަ އަހަރު އެ ބޭންކުން ކުރި މަސައްކަތުން އެމްއެމްއޭ އިން ކަނޑައަޅަފައިވާ މިންވަރަށް ޕުރޮވިޝަން ހަދާފައި ވެސް މި އަހަރު އެ ބޭންކަށް ފައިދާ ލިބިފައިވާ ކަމަށެވެ.
ބީއެމްއެލް އަށް މިދިޔަ އަހަރު 374 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާ އިރު އެ ބޭންކުން ވޭތުވެދިޔަ ތިން އަހަރު ވެސް ވަނީ ބޮޑު ފައިދާއެއް ވެފަ އެވެ. ނަމަވެސް އެ ބޭންކުން ލޯނުނަގާފައިވާ ބައެއް ފަރާތްތަކުން އެލޯނުތައް ނުދައްކާތީ އެއްވެސް އެއްޗެއް ހިއްސާދާރުންނަށް ބަހާފައެއް ނުވެ އެވެ.