ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކުރުމަށް ފީފާއިންދޭ މާލީ އެހީ ބޭނުންކުރާނީ އެފްއޭއެމްގެ ދަރަނިތައް އަދާކުރުމަށް ކަމަށް އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދާއި ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމްގެ އިތުރުން ޑިރެކްޓަރު އޮފް ފޮރިން ރިލޭޝަންސް މުހައްމަދު ލަތީފު، ފީފާގެ ރައީސް ސެޕް ބްލެޓާގެ ދައުވަތަކަށް މިދިޔަ ހަފްތާގައި ސްވިޒަލެންޑުގެ ޒިޔުރިކަށް ކުރެއްވި ދަތުރާ ބެހޭގޮތުން އެފްއޭއެމް ހައުސްގައި މިއަދު ނޫސްވެރިނަށް މައުލޫމާތުދެއްވަމުން ހާނިމް ވިދާޅުވީ ޒިޔުރިކް ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. އަދި އެފްއޭއެމް އަށް ދިމާވެފައިވާ މާލީ ދަތިކަން ވަގުތުން ހައްލު ކޮށްދެއްވާނޭ ކަމަށް ބްލެޓާ ވިދާޅުވި ކަމަށާއި އަދި އެގޮތުން ލިބޭ ފައިސާ ބޭނުން ކުރާނީ އެފްއޭއެމުން އެކިފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށް ކަމަށެވެ.

"ފުޓްބޯޅަ އެސޯސިއޭޝަނުގެ ހިންގުމަށް މިވަގުތު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތި ވެފައި މިވަނީ ފައިސާގެ ދަތިކަން ހުރި ގޮތުން. ފައިސާގެ ދަތިކަމޭ ދަންނަވާއިރު އޭގެ އިތުރުން އަޅުގަނޑުމެންގެ ބޮލުގައި ފުދޭވަރެއްގެ ބޮޑު ދަރަންޏެއް އެބައޮތް މިވަގުތު. އެހެންވީމާ އެދަރަނި ފިލުވާލުން އެއީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މިވަގުތުގެ މައިގަނޑު އެއް އަމާޒު،" ހާނިމް ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިކަމުގެ ވާހަކަ ފީފާގެ ރައީސަށް ދެންނެވުމުން ދެއްވީ ވަރަށް އުފާވެރި ޖަވާބެއް ކަމަށާއި މިވަގުތު އެ އިދާރާއަށް ކުރިމަތިވެފައިވާ ހުރިހާ ދަތިކަމެއް ހައްލު ކޮށްދެއްވާނޭ ކަމުގެ ޔަގީންކަން ބްލެޓާ ދެއްވި ކަމަށް ވެސް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ. އަދި އެކަމަށް ބޭނުންވާ ރިޕޯޓެއް ތައްޔާރު ކުރުމަށް ފަހު ބްލެޓާގެ އަރިހަށް ފޮނުވުމަށް އެދިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހާނިމް ވިދާޅުވީ އެފްއޭއެމްއާ އަލަށް ހަވާލުވި މެނޭޖުމަންޓުން އެތަނާއި ހަވާލުވީ ކުރިން އެތަން ހިންގި މީހުން ކުށްވެރިކޮށް ވާހަކަ ދައްކަން ނޫން ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ފުޓްބޯޅައަށް ލާބައާއި މަންފާހުރި މަސައްކަތްތަކެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އެފްއޭއެމްގެ އެޑްމިނިސްޓްރޭޝަނާ އަޅުގަނޑުމެން ހަވާލުވީކީ ކުރީގެ އެޑްމިނިސްޓްރޭޝަނާ ބެހޭ ގޮތުން ނިކަމެތި ބަހެއް ބުނާކަށް ނޫން. އެއްވެސް ސިފައެއްގައި އެކަހަލަ މަގުސަދެއްގައެއް ނޫން. އަޅުގަނޑުމެން ފުޓްބޯޅަ އެސޯސިއޭޝަނާ ހަވާލުވީ ދިވެހިރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތަށް ވުރެ އެހެން ހަރުފަތަކަށް އިތުރަށް ހަރުދަނާކޮށްގެން އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބީތައް އިތުރު ކުރެވޭނޭ ގޮތްތަކެއް ހޯދައި އެކަމަށް މަސައްކަތް ކުރުން،" ހާނިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ، މުއައްސަސާ އަކާ ހަވާލުވާ އިރު އެތަނެއް އެއޮންނަ ގޮތް ދެނެގަތުމަށް ޓަކައި އޮޑިޓެއް ކުރަން ޖެހޭތީ އެކަން ކުރަމުން ގެންދާކަމަށާއި ފައިސާގެ ދަތި ކަމުގެ ވާހަކަ އަބަދުވެސް ދައްކަވަމުން އެގެންދަވަނީ އެމޭރުމުން ކަމަށެވެ. އަދި އޮޑިޓް ރިޕޯޓް މިހާރު އޮތީ ނިމިފައި ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ރިޕޯޓު ލިބުމުން އެފްއޭއެމްގެ ދަރަންޏާއި އެ އިދާރާ އަސްލު އޮތް ހާލަތު އެނގޭނޭ ކަމަށް ހާނިމް ވިދާޅުވި އެވެ.

އެފްއޭއެމްގައި ކިހާބޮޑު ދަރަންޏެއްވޭތޯ ސުވާލު ކުރުމުން ހާނިމް ވިދާޅުވީ ދަރަނީގެ އެ އަދަދު ދަންނަވަން އެނގޭނީ އޮޑިޓް ރިޕޯޓު ލިބުމުން ކަމަށާއި އެހެން ނަމަވެސް ބްލެޓާ ވަނީ ގާތްގަނޑަކަށް ހަތަރު މިލިޔަން ދިވެހި ރުފިޔާގެ އެހީއެއް ދެއްވާނޭ ކަމުގެ ޔަގީން ކަމެއް ދެއްވާފައި ކަމަށެވެ.