30 Apr 2013, 18:16
ޕީޕީއެމުން ނަސަންދުރަ ޕެލަސް ހޮޓެލްގައި ރޭ ބޭއްވި ހަފްލާއެއް ކަވަރު ކުރުމަށް ދިޔަ ރާއްޖެ ޓީވީގެ ނިއުސް ކްރޫ އެ ހަލްފާއިން ބޭރުކޮށްލުމަކީ ޒިންމާދާރުކޮށް ކުރި ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ބުނެފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވަކި މީޑިއާއަކާ ދޭތެރޭ އަދި އެ މީޑިއަމްގެ އެޑިޓޯރިއަލް ޕޮލިސީ ގެންގުޅޭ ގޮތަކުން ހިތްހަމަނުޖެހިގެން އިވެންޓްތަކުން ބޮއިކޮޓްކޮށް ނޫނީ އެފަދަ އިވެންޓްތަކުން ނެރުމަކީ ޒިންމާދާރު ކަމެއް ކަމަށް އެ ޖަމިއްޔާ އިން ގަބޫލް ނުކުރާ ކަމަށެވެ.
މީޑިއާ ސްޓޭޝަނަކުން ރިޕޯޓް ކުރާ ހަބަރެއް ނުވަތަ ރިޕޯޓަކާ ގުޅިގެން ހިތްހަމަނުޖެހުމެއް އޮތް ނަމަ މީޑިއާތައް ރެގިއުލޭޓް ކުރާ މުއައްސަސާތަކަށް ހުށަހަޅައިގެން އެފަދަ މައްސަލަތައް ހައްލުލުކުރުމަށް ވެސް އެމްޖޭއޭ އިން ވަނީ ގޮވައިލައިފަ އެވެ.
އެމްޖޭއޭ އިން ބުނީ ސިޔާސީ ޕާޓީތަކަކީ ވެސް ދައުލަތުން ފައިސާ ދީގެން ހިންގާ ޕާޓީތަކަކަށްވާ އިރު ވަކި މީޑިއަމެއް ބާކީ ނުކުރުމަށް ސިޔާސީ ޕާޓީތަކަށް ތަކުރާރުކޮށް ގޮވާލާ ކަމަށް ވެސް އެމްޖޭއޭގެ ނޫސް ބަޔާނުގައިވެ އެވެ.
ރާއްޖެ ޓީވީގެ ނިއުސް ކްރޫ ބޭރު ކުރި އެ ހަފްލާއަކީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޔުމްނާ މައުމޫނު އެ މަގާމުން ވަކިވެވަޑައިގެންނެވުން ފާހަގަކުރުގެ ގޮތުން ރޭ ނަސަންދުރާ ޕެލެސް ހޮޓެލްގައި ބޭއްވި ރަސްމިޔާތެކެވެ. އެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުﷲ ގައްޔޫމް ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.