30 Apr 2013, 17:53
ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ހދ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓަކަށް ހިލަޔާއި ލަނކުޑި ބަރުކޮށްގެން ދިޔަ ދޯންޏެއް ކުޅު ދުއްފުށީ ވިޔަފާރި ބަނދަރު ބޭރަށް ބަންޑުން ޖަހައިލައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ މީރާޒް-1 ނަމަކަށް ކިޔާ އެ ދޯނި ބަންޑުން ޖަހާލައިފައި ވަނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނާ އެކު ދަތުރުކުރަމުން ދަނިކޮށް މިއަދު ހަވީރު ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ދޯނި ބަންޑުން ޖަހާލައިފައިވާ ކަމަށް ބެލެވެނީ ދޯނި ބަރުވެފައި ވަނިކޮށް، އެސަރަހައްދުގައި އުފެދިފައިވާ އުނދަބާނީތަކެއް ދޯންޏަށް އަރައިގެން،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުން މުދާ ބަރުކޮށްގެން ދަނިކޮށް އެ ރަށު ވިޔަފާރި ބަނދަރު ބޭރަށް ބަނޑުން ޖަހާލި ކަމަށް އެ ދޯނި މިހާރު އޮތީ އެމްއެންޑީއެފާއި އެ ރަށުގެ ރައްޔިތުންނާއި އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ދޯނިތަކުގެ އެހީ ކުޅުދުއްފުއްޓަށް ވައްދާފައިވާ ކަމަށާއި އެ ހާދިސާގައި ދޯނީގައި ހުރި މުދާތައް ކަނޑުވެފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ހާދިސާގައި އެ ދޯނީގައި ހުރި ހިލަތައް ވަނީ ކަނޑުވެފައި. ނަމަވެސް ލަނކުޑި ކަހަލަ ބައެއް މުދާ އޮޔާދަނިކޮށް ސިފައިންގެ އެހީއާ އެކު ވަނީ ނަގައިފައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 65 ފޫޓުގެ އެ ދޯންޏަކީ އއ. ހިމަންދޫ ދޯންޏެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.