ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި މަކަރު ހަދާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ލިބެމުންދާ އިއާދަނުކުރެވޭ ވަރުގެ ގެއްލުން ހުއްޓުވުމަށް ޕީޕީއެމްގެ އާންމު މެންބަރެއް ކަމަށްވާ ރަހުމާ މޫސާ ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިއްޖެ އެވެ.

ރަހުމާ މޫސާގެ ފަރާތުން އެފަދަ ވަގުތީ އަމުރަކަށް އެދިފައި ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އިންތިޚާބަކީ ބާތިލު އިންތިޚާބެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި އުމަރުގެ ކެންޕޭން މެނޭޖަރުގެ ގޮތުގައި ހަރަކާތްތެރިވި އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހެޅުމަށް ފަހު ރަހުމާ މޫސާގެ ވަކީލުންގެ ޓީމުން އެފަދަ ވަގުތީ އަމުރަކަށް އެދިފައި ވަނީ އުމަރަށް ލިބެމުންދާ އިއާދަ ނުކުރެވޭވަރުގެ ގެއްލުން ހުއްޓުވުމަށް ކަމަށެވެ.

އެ ވަގުތީ އަމުރުގައި އެދިފައި ވަނީ ޕީޕީއެމްގެ ޕްރައިމަރީއާ ގުޅިގެން ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަގުތީ އަމުރަށް ޕީޕީއެމްގެ ފަރާތުން ޖަވާބުދާރީވުމަށް މާދަމާ 4:00ގައި ސިވިލް ކޯޓުގައި އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތެރެއަށް މާޒް ސަލީމް ވަނީ ތަދައްޚުލްވެފަ އެވެ. އޭނާ ވިދާޅުވީ މާދަމާގެ ޝަރީއަތުގައި އޭނާގެ ފަރާތުން ދައްކަން ޖެހޭ ވާހަކަކަތައް ދެއްކުމަށް ފުރުސަތު ދޭނެކަމަށް ސިވިލް ކޯޓުން ބުނެފައިވާ ކަމަށެވެ.

ރަހުމާ ކުރި އެ ދައުވާގައި ބުނެފައި ވަނީ ޕީޕީއެމްގެ ދަފްތަރުގައި ހިމެނިފައި ނުވާ 8،915 މީހުންނަށް ޕްރައިމަރީގައި ވޯޓުލެވޭ ގޮތަށް ނިންމައި ފުރުސަތުދީފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީޕީއެމުގެ ދަފްތަރުގައި މާޗް 10 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީކޮށްފައި ވަނީ 22،383 މެމްބަރުން ކަމަށާއި ނަމަވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ގޮތުގައި ޕާޓީގެ ރަޖިސްޓްރާ ނެރުއްވި ލިސްޓުގައި 31،298 މެމްބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް އެ ދައުވާގައި ބުނެފައިވެ އެވެ.