ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ ފުރަތަމަ މަރުހަލާގެ ޖާގަ ފުރިފައި ވާތީ ފަރުވާ އަށް ޝަރުތު ހަމަވާ 24 މީހަކު ޖަލަށް ގެންދަން ޑްރަގް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ޑްރަގް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ ޖާގަ ފުރިފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން އެ ކޯޓަށް އަންގާފައިވާ ކަމަށެވެ.

ފަރުވާދޭ މަރުކަޒުތަކުގައި ފަރުވާދިނުމުގެ އިންތިޒާމުތައް ހަމަޖެއްސެން ނެތްކަމަށް ކޯޓަށް ގަބޫލުކުރެވޭ ހާލަތުގައި މަސްތުވާތަކެތީގެ ފަރުވާއަށް ޝަރުތު ހަމަވާ ފަރާތްތަށް ޖަލަށް ގެންދަން ހުކުމް ކުރުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ޑްރަގް ކޯޓަށް ލިބިގެންވާ ބާރެކެވެ.

ޑްރަގް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ މީހުން ޖަލަށްލާފައި ވަނީ ގާނޫނުގައި ބުނެފައިވާ ފަދައިން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖެހެންދެން ނޫންނަމަ 90 ދުވަސް ވަންދެން ކަމަށެވެ. އަދި ވިދާޅުވީ 90 ދުވަހުގެ ތެރޭގައި އެމީހުންނަށް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަނުޖެހިއްޖެނަމަ އެކަމުގައި ދެން އަމަލުކުރާނެ ގޮތެއް ކޯޓުން ކަނޑައަޅާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"މިސާލަކަށް މާދަމާވެސް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިއްޖެ ކަމަށް އަންގައިފިނަމަ އެ މީހުން ޖަލުން ނެރޭނެ. 90 ދުވަސް ތެރޭގައި އެމީހުންނަށް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަނުޖެހިއްޖެނަމަ އެކަމުގައި ދެން އަމަލުކުރާނެ ގޮތެއް ކޯޓުން ކަނޑައަޅާނެ،" އޮފިޝަލް ވިދާޅުވި އެވެ.