ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުން ގެންދާ ބިދޭސީންގެ ތެރެއިން މި އަހަރުގެ މިހާތަނަށް 1748 ބިދޭސީން އަނބުރާ އެ މީހުންގެ ގައުމަށް ފޮނުވާ ލާފައިވާނެ ކަމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ބުނެފި އެވެ.

އިމިގްރޭޝަންގެ ހެޑް އޮފީހުގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ ވިދާޅުވީ އަހަރުގެ މިހާތަނަށް އެ އަދަދަށް މީހުން ފޮނުވާލާފައިވާ އިރު މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއިން ފޮނުވާލާފައި ވަނީ ޖުމްލަ 2500 މީހުން ކަމަށެވެ. މި އަހަރުގެ މިހާތަނަށް 85 ބިދޭސީއަކު ޑީޕޯޓު ކޮށްފައިވާ އިރު އަމިއްލައަށް އެދިގެން 1417 ބިދޭސީއަކު މި އަހަރު ފޮނުވާލާފައިވާ ކަމަށް ވެސް ކޮންޓްރޯލަރު ވިދާޅުވި އެވެ. އަދި މިދިޔަ އަހަރު 175 ބިދޭސީއަކު ޑީޕޯޓު ކޮށްފައި ވާއިރު ކްރިމިނަލް ކޭސް ތަކުގައި މިއަހަރު 146 ބިދޭސީއަކު ޑީޕޯޓު ކުރިކަމަށް ވެސް ކޮންޓްރޯލަރު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އަމިއްލަ އަށް އެދިގެން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮތީ ހުޅުވާލާފައި ކަމަށާއި، އަދި ހާލުގައި ޖެހިގެން އަންނަ ބިދޭސީން ވެސް އަނބުރާ ގައުމަށް ފޮނުވާ ލުމާއި ހަމައަށް އެމީހުންގެ ކެއުމާއި ނިދުން އެ ޑިޕާޓްމެންޓްގެ ދަށުން ހިންގާ "ބިދޭސީ ހިޔާ"އިން ފޯރުކޮށްދެއްވާނެ ކަމަށް ވެސް މުހައްމަދު އަލީ ވިދާޅުވި އެވެ.

"....އަޅުގަނޑުމެން އެ މީހުންނާއި މެދު "ޓަފް" ވާ ވަރަކަށް މި ފެންނަނީ އަމިއްލަ އަށް އެދިގެން އަންނަ މީހުން އިތުރުވާ ތަން. އަމިއްލަ އަށް އެދިގެން އަންނަ މީހުންނަށް ހުރިހާ ކަމެއްވެސް ހަމަޖެހިފައި އޮންނާނެ. އައިލެންޑް އޭވިއޭޝަން މިހާރު ސީދާ ޑާކާ އަށް ދަތުރު ކުރޭ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މަދު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން މި އަހަރު 10000 ބިދޭސީން ރާއްޖެއިން ފޮނުވާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.