30 Apr 2013, 16:30
ޅ. ހިންނަވަރު ބިޖިލީގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި އެރަށު ލަކީ، ނިހާދު މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ހިންނަވަރު ބިޖިލީގޭގައި ރޯކޮށްލާފައި ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ރޭ 11:30 ހާއިރު އެވެ. އެ ހާދިސާ ހިނގިވަގުތު އެގޭގައި އެއްވެސް މީހަކު ނޫޅެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ނިހަދު އެގޭގައި ރޯކޮށްލާފައިވާކަން ސާބިތުކުރެވޭ ވަރަށް ކާފީހެކި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ވެސް ދައުވާ ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައިނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
"ދެންފަހެ 31 އޯގަސްޓް 2011 ވަނަ ދުވަހު 23:30 ހާއިރު ޅ. ހިންނަވަރު ބިޖިލީގޭގައި ރޯކޮށްލާފައިވާތީ ކަމަށް ބުނެ ޅ. ހިންނަވަރު، ލަކީ، ނިހާދު މުހައްމަދުގެ މައްޗަށް ދައުލަތުން ކުޅަ، ޓެރަރިޒަމްގެ ކުށުގެ މި ދައުވާ ޝަރީއަތުން ބެލިބެލުމުން، ޅ. ހިންނަވަރު ބިޖިލީގޭގައި ނިހާދު މުހައްމަދު ރޯކޮށްލާފައިވާކަން ޝަރީއަތަށް ސާބިތުކުރެވޭ ވަރުގެ ކާފީހެކި ދައުލަތުން ހުށަހަޅާފައި ނެތުމާއި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ދައުލަތުގެ ދައުވާ ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައި ނުވާތީ ޅ. ހިންނަވަރު ލަކީ، ނިހާދު މުހައްމަދުގެ މައްޗަށް ދައުލަތުން ކުޅަ ޓެރަރިޒަމްގެ ކުށް ޝަރީއަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.