"ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ހިމާޔަތް ކުރުމާ ބެހޭ ގައުމީ މަޖިލިސް" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މަޖިލީހެއް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި މަޖިލީހަކީ އަންހެނުންގެ ރައްކާތެރިކަމާއި ކުރިއެރުމާއި، ދެ ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރީގައި ހަދާފައިވާ އޮނިގަނޑުތަކާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދުވަސްވީ މީހުންގެ ރައްކާތެރި ކަމަށް ހަދާފައިވާ އޮނިގަނޑުތައް ބަލިކަށިވެފައިވާތީ އާއި އެ ދާއިރާގައި ރާއްޖެއިން ހޯދިފައިވާ ކުރިއެރުންތައް ދެމެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވުމުގެ ސަަބަބުން ކަމާބެހޭ ވުޒާރާތައް ހިމަނުއްވައިގެން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މަޖިލީހެއް ކަމަށެވެ.

އެ މަޖިލީހުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ރައީސްގެ ނައިބު މުހައްމަދު ވަހީދުއްދީނެވެ. އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ ޖެންޑާ މިނިސްޓަރު އައިސަތު އާޒިމާ ޝަކޫރު އާއި އެޑިއުކޭޝަން މިނިސްޓަރު އާސިމް އަހުމަދާއި ހެލްތް މިނިސްޓަރު އަހުމަދު ޖަމްޝީދު މުހައްމަދާއި އިސްލާމިކް މިނިސްޓަރު އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު އާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެޓާނީ ޖެނެރަލް އައިޝަތު ބިސާމް އާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އާއި ޝަރުއީ ދާއިރާއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދު އާއި ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް ޑރ. ހަސަން ސައީދު އާއި މ. ނޭހާ، ޑރ.އަބްދުއްސައްތާރު ޔޫސުފާއި ހ. ދޫރިހާ، އައިޝަތު މުހައްމަދު ދީދީ އަދި ހ. ރަންކޮކާ، އައިޝަތު ހަނާ އެވެ.

ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ހިމާޔަތްކުރުމާ ބެހޭ ގައުމީ މަޖިލީހުން ކުރައްވާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމާ ބެހޭގޮތުން އެކުލަވައިލެވޭ ސިޔާސަތު އެކުލަވައިލުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދެއްވުން ހިމެނެ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ އެހީތެރިކަމާ ބެހޭ ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ ލަފާދިނުން ވެސް ހިމެނެ އެވެ. އަދި އެމީހުންނަށް ދެވޭ އެހީތެރިކަމާބެހޭ ދައުލަތުގެ އޮނިގަނޑުތައް އެކުލަވައިލުމުގައި ލަފާދެއްވުމާއި، އެމީހުންގެ ހައްގުތަކަށް ހުރަސްއެޅޭ އާ މައްސަލަ ހައްލުކުރުމަށް ލަފާދެއްވުން ހިމެނެއެވެ.