30 Apr 2013, 15:30
ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހަތަރު ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.
ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހަތަރު ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ އެ ޕްރޮޕޯސަލްތައް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީއަށް ދިޔަ މީހުންނަކީ އެ ހަތަރު ކުންފުނިން ފޮނުވި ބައެއްކަން އަންގައިދޭ ލިޔުމެއް ނެތުމުންނެވެ.
ހައްޖަށް މީހުން ގެންދިޔުމުގައި އަމަލުކުރަންވީ އުސޫލުގެ 21 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލްތައް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީއަށް މީހުން ފޮނުވާއިރު އެމީހަކީ އެ ކުންފުނީގެ ފަރާތުން ފޮނުވި މީހެއްކަން އަންގައިދޭ ލިޔުމަކާއި އެ މީހެއްގެ އައިޑީކާޑު އޮންނަންވާނެ ކަމަށެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން ކުރި ހުކުމްގައި ބުނަނީ ވަކިގޮތަކަށް ކަންތައް ކުރުމަށް އުސޫލުތަކެއް ކަނޑައަޅާފައި ވަނިކޮށް އެއާޚިލާފަށް އަމަލުކޮށްފިނަމަ އެކަމެއް ވެގެންދާނީ ކޮރަޕްޝަނަށް މަގުފަހުވާގޮތަށް ކުރެވޭ ކަމެއްގެ ގޮތުގައި ކަމަށެވެ.
އެ ހަތަރު ކުންފުންޏަކީ އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑު އެވެ.