30 Apr 2013, 14:01
މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް "ވޯލްޑް ފްރެސް ފްރީޑަމް ޑޭ" ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ހަރަކާތްތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން އެ ދުވަހު ހިންގާ ހަރަކާތްތަކަށް އެ ކައުންސިލްގެ މެމްބަރެއްގެ މުސާރައިގެ 20 ޕަސެންޓް ނުވަތަ 1000 ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް ނަގަން ހަމަޖައްސައިފި އެވެ.
"ވޯލްޑް ޕްރެސް ފްރީޑަމް ޑޭ" ފާހަގަކުރުމަށް އެމްއެމްސީން ކުރިއަށް ގެންދާ ހަރަކާތްތަކަށް ހަރަދުކުރަން އެ ކައުންސިލްގެ ކޮންމެ މެމްބަރުންގެ އަތުން 1000ރ. ނަގާއިރު ރައީސާއި ނައިބް ރައީސްގެ އަތުން ނަގަނީ 2000ރ. ކަމަށް އެ ކައުންސިލުން ބުންޏެވެ. ނަމަވެސް އެފައިސާއަކީ އެމެމްބަރަކު އަމިއްލަ އިހުތިޔާރާ އެކު ދޭ އެއްޗެއް ކަމަށް ވެސް އެކައުންސިލުން ބުންޏެވެ.
މީޑިއާ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ފަރުސަތު މިއަދު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ މީޑިއާ ކައުންސިލުން އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި "ވޯލްޑް ޕްރެސް ފްރީޑަމް ޑޭ" އާ ގުޅިގެން އެ ކައުންސިލިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މެމްބަރުންގެ އަތުން ފައިސާ ނެގުމަށް މެމްބަރަކު ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެން ކަމަށެވެ. އަދި އެ ހުށަހެޅުން ފާސްވެގެން ދިޔައީ އެ ދުވަހުގެ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
"އެ ދުވަސް ފާހަގަ ކުރުމަށް އެމްއެމްސީން ކުރިއަށް ގެންދާ ހަރަކާތްތަކަށް ހަރަދު ކުރުމަށް ކޮންމެ މެމްބަރަކު ވެސް 2000 ރުފިޔާ އަށް ވުރެ މަދު ނޫން އަދަދެއް ޑޮނޭޝަނެއްގެ ގޮތުގައި ދިނުމަށް ކައުންސިލުން ނިންމީ. މެމްބަރުން ދޭނެ އަދަދެއް ކަނޑައާޅާނީ އެ ކަމަށް ޓަކައި ކައުންސިލުން ހޮވި ތިން މެމްބަރުންގެ ސަބް ކޮމިޓީން. އެ ނިންމުމަކީ މެމްބަރުންގެ އަމިއްލަ ނިންމުމެއް. އެގޮތަށް މެމްބަރުން ނިންމީ އެ ދުވަސް ފާހަގަކުރަން ވެގެން ބަޖެޓްގެ ދަތިކަމާއި ފައިނޭންސަލް ދަތިކަމާ ހުރެ އަމިއްލައަށް އެކަމަށް ހަރަދުކުރަން ނިންމީ،" ފަރުސަތު ވިދާޅުވި އެވެ.
ވޯލްޑް ފްރީޑަމްޑޭއާ ގުޅިގެން މީޑިއާ ކައުންސިލުން ކުރުމަށް ހަމަޖައްސާފައިވާ ކަންތައްތަކުގެ ތެރޭގައި އަންނަ ހުކުރު ދުވަހުގެ ހުތުބާގައި މައުލޫމާތު ފެތުރުމާއި އަމާނާތްތެރިކަމުގެ މައްޗަށް ވާހަކަ ދެއްކުމަށް ވަނީ ހަމަައްސައިފަ އެވެ. އޭގެ އިތުރުން އެދުވާ ގުޅުވައިގެން ދަތުރެއް ދިމަށާއި "މީޑިއާ އީވްނިންގް"އެއް ބޭއްވުމަށް ވެސް އެކައުންސިލުން ވަނީ ނިންމައިފަ އެވެ.
މީޑިއާ ކައުންސިލްގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ އެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ.