މަޝްހޫރު ލިޔުންތެރިޔާ އަދި ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލިކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އިއުތިރާފުވެފައި ނުވާނެ ކަމަށާއި އޭނާ އިއުތިރާފުވެފައި ވަނީ ހަމައެކަނި ނަޖީބު މަރާލުމުގައި ބައިވެރިވުން ކަމަށް ށ. ގޮއިދޫ ރިހާބު ފާތިމަތު ހާނާ ބުނެފި އެވެ.

ހަނާ އެގޮތަށް ބުނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި އޭނާ މެރުމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މައްސަލަ ހުށަހަޅަމުން ހަނާ ބުނީ އަހުމަދު މުއްރަތު ނަޖީބު މަރާލި ވަގުތު އޭނާ އޮތީ ނިދާފައި ކަމަށެވެ. އަދި އޭނާއާއި މުއްރަތު ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުން ވެސް އޭނާ ނަޖީބު މަރާލިކަމަށް ސާބިތު ނުވާ ކަމަށް ވެސް ހަނާ ބުންޏެވެ.
"ހަނާ އިއުތިރާފުވެފައި ވަނީ މަގްތޫލު [ގަތުލުވެފައިވާ މީހާ] މަރާލުމުގައި ބައިވެރިވެފައިވި ކަމަށް. އެހެންކަމުން ގަސްތުގައި މީހަކު މަރާލުމުގެ ކުށް ހަނާގެ މައްޗަށް ކަނޑައަޅާނެ ތަނެއް ނެތް،" ހަނާ ބުންޏެވެ.

ހަނާ ބުނީ މުއްރަތު ދިރުއުޅޭ ކޮޓަރި ތެރޭގައި ނަޖީބު ގޮނޑިއެއްގައި ބަނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަަމަށާއި އޭގެ ބޭނުމަކީ ފޭރުމާއި ބިރުދެއްކުން ކަމަށާއި އެއީ މެރުމުގެ ނިޔަތް އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ.

"މަތުލޫގު ގޮނޑިއާ އެކު ބަނުމުގައި ބައިވެރިވި ކަމަށް އިއުތިރާފުވި އިރު މުއްރަތު އާއި ހަނާ ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުން ވެސް އެއީ މަރާލުމުގެ ގަސްތު އޮވެގެން ހަނާ ކުރި ކަމެއް ނޫންކަން އެނގޭ. ހަނާގެ އެއްވެސް އަމަލަކުން ގަސްތު ފާޅެއް ނުވޭ،" ހަނާ ބުންޏެވެ.

މިއަދުގެ ޝަރީއަތުގައި ހަނާ ވަނީ އޭނާ މެރުމަށް ކޮށްފައިވާ ހުކުމަކީ ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ބުނެ އެ ހުކުމް ބާތިލް ކުރުމަށް ހައިކޯޓުގައި އެދިފަ އެވެ.

ހަނާގެ ވާހަކަތަކަށް ޖާވުދާރީވަމުން ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އާދަމް އާރިފް ވިދާޅުވީ ނަޖީބުގެ އަނގަޔާއި މޫނުމަތީ ޓޭޕްއެޅައި އަތާއި ފައި ގޮނޑީގައި ބަނުމުގެ މަސައްކަތުގައި ހަނާ އަމަލީގޮތުން ބައިވެރިވި އިރު މުއްރަތު ހުރީ ވަޅިއަކުން ނަޖީބަށް ބިރުދައްކަން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެ ވަޅި ކޮޓަރިއަށް ގެންދިޔަކަން ހަނާއަށް އެނގޭ ކަމަށެވެ. އަދި އެ ވަޅިއަކީ ނަޖީބު މަރާލުމަށް ރާވައިގެން ގެނައި ވަޅިއެއް ކަމަށާއި އެވަޅިން ދިން ހަމަލާގެ ސަބަބުން ނަޖީބު މަރުވެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު އާރިފް ވިދާޅުވި އެވެ.

ކީރިތި ގުރުއާނުގެ އެކި އާޔަތްތަކާއި ރަސޫލާގެ ސުންނަތުން މިސާލުދައްކަވައި ދައުލަތުން ވަނީ ހަނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަނޑައަޅައި ދިނުމަށް އެދިފަ އެވެ.

އަމިއްލައަށް ވަކީލަކު ހަމަޖެއްސުމުގެ ތަނަވަސްކަން ނެތްނަމަ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން ބޭނުންތޯ ފަނޑިޔާރުންގެ ބެންޗުން ތަކުރާރުކޮށް އެއްސެވުމުން ހަނާބުނީ ވަކީލަކު ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ހަނާ ހުށަހެޅި މައްސަލައަށް ދައުލަތުން ރައްދު ދެއްވުމުން ހަނާ ބުނީ ވަކީލަކު ބޭނުންވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލީ ދައުލަތުގެ ފަރާތުން ހަނާ އަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.