އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ފަހު މިހާރު އެގްރިމެންޓް ކެންސަލްކޮށްފައިވާ އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އިސް ދެ ބޭފުޅަކު މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އިންޑިއާގެ "ދި އިކޮނޮމިކް ޓައިމްސް" އިން ބުނީ ޖީއެމްއާރުގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި އޭ.ސުބަރާރޯ އާއި އެ ކުންފުނިން ހިންގަމުން އަންނަ ހައިދަރު އާބާދު އިންޓަނޭޝަނަލް އެއާޕޯޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވިކްރަމް ޖެއި ސިންގާނިއާ މަގާމުން އިސްތިއުފާ ދެއްވި ދެއްވުމަކީ ޖީއެމްއާރުގެ އެންމެ އިސް މެނޭޖްމެންޓްގެ ތެރޭގައި އުފެދިފައިވާ އިސްތިއުފާ ދިނުމުގެ ސިލްސިލާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ސުބްރާރޯ އިސްތިއުފާ ދެއްވީ ޝައުގުވެރިވެވަޑައިގަންނަވާ އެހެން ކަމަކަށް ވަޑައިގަތުމަށް ކަމަށް ޖީއެމްއާރާ ހަވާލާދީ ނޫހުގައިވެ އެވެ.

އަދި ބުނީ ސުބްރާރޯގެ ބަދަލުގައި މިހާރު ޓެރްޑާލް ނަމަކަށް ކިޔާ ބޭފުޅަކު މިހާރު އެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށާ އޮމާންކަމާ އެކު ބަދަލު ކުރުމަށް ޓަކައި އަންނަ ޖުލައި މަހާ ހަމައަށް ސުބްރާރޯ ޖީއެމްއާރް ކުންފުނީގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހައިދަރު އާބާދު އިންޓަނޭޝަނަލް އެއާޕޯޓްގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވި ސިންގާނިއާ ވިދާޅުވެފައި ވަނީ އޭނާ މަގާމު ދޫކޮށްލެއްވީ ރަނގަޅު އެހެން ގޮތެއް ހޯއްދެވުމަށް ކަމަށެވެ.

ނޫހުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީއެމްއާރަށް 217 ކްރޯޑްގެ ގެއްލުން ވެފައިވެ އެވެ. އެއީ ހަރަދު ބޮޑުވުމާއި ހަކަތަ އުފެއްދުމުގެ ވިޔަފާރި ދަށްވުމުގެ ސަބަބުން ލިބުނު ގެއްލުން ކަމަށް ވެސް ނޫހުގައިވެ އެވެ.