ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލުކޮށްދިނުމަށް އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށައިފި އެވެ.

ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އެމްޖޭއޭގެ ފަރާތުން ސުއޫދު އެންޑް އެންވަރު ކޯގެ ގާނޫނީ ވަކީލު އިސްމާއީލް ވިޝާމް ހުށަހެޅުއްވީ އިމްތިޔާޒުގެ ގާނޫނުގެ 17 ވަނަ މާއްދަގެ (ހ) އާއި އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) އަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚަބަރާއި މައުލޫމާތުގެ މަސްދަރު ހިމާޔަތްކޮށްފައި ވުމުގެ ގަވާއިދާއި ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އޮންނަ ހައްގާ ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި އެ ދެ މާއްދާ ބާތިލްކޮށް ދިނުމަށެވެ.

އެމްޖޭއޭ އިން މައްސަލަ ހުށަހެޅުމުން އިޖުރާއީ ނުތާ ނަންގަވައި ދައުލަތުގެ ވަކީލު ވިދާޅުވީ އެމްޖޭއޭ އިން ހުށަހަޅާފައި ވަނީ އިމްތިޔާޒުގެ ގާނޫނުގެ 17 ވަނަ މާއްދާ އާއި 18 ވަނަ މާއްދާއާ ގުޅޭ މައްސަލައަކަށްވާ އިރު ހަމަ އެ މާއްދާތަކާ ގުޅޭ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ވެސް މިހާރު ފަށާފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.


ދައުލަތުން އިޖުރާއީ ނުކުތާ ނެންގެވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން އެދިފައި ވަނީ އެމްޖޭއޭ އިން އެދިފައިވާ ގޮތަށްތޯ ބެލުމަށް ސުވާލު ކުރައްވާފަ އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އިމްތިޔާޒުގެ ގާނޫނުގައި އެ ދެ މާއްދާ ލިޔެފައި ވަނީ ގާނޫނު އަސާސީގައި ލިޔެފައި އޮތް އިބާރާތުން ކަމަށްވާތީ އެ މާއްދާތަށް ބާތިލް ކުރެވިދާނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އެހެންކަމުން ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައި ވަނީ އެ ދެ މާއްދާ އަކީ މުތުލަގުކޮށް މަޖިލީހަށް ލިބިދީފައިވާ ބާރުތަކެއް ނޫން ކަމަށާއި އެ މާއްދާތަކުގެ ބާރަކީ ގާނޫނު އަސާސީގައިވާ އެހެނިހެން ބާރުތަކާއި އިމްތިޔާޒުތަކާއި ހައްގުތަކާ އެކު މާނަކުރެވެންޖެހޭ އަދި އެ މައްޗަށް އަމަލު ކުރެވެން ޖެހޭ މާއްދާތަކެއް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އިމްތިޔާޒުގެ ގާނޫނުގެ ތިން މާއްދާއެއް ބާތިލް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

އެ މާއްދާތަކުގެ ތެރޭގައި މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅޭގޮތަށް ޝަރުއީ ކޯޓަކަށް ނުވަތަ ތަހުގީގީ އިދާރާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ އެ ގާނޫނުގެ 11 ވަނަ މާއްދާ ހިމެނޭ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެއް އަހަރަށް ވުރެ ކުރު ހުކުމެއް ތަންފިޒު ކުރާ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކުރަން ޖެހޭނެ ކަމަށް ބުނެފައިވާ އެ ގާނޫނުގެ 16 މާއްދާ ބާތިލް ކުރުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މީގެއިތުރުން މަޖިލީހުން އަންގައިގެން ލިޔުމެއް ނުދީފި ކޮންމެ މީހަކީ މަޖިލީހުގެ އަމުރަށްނުކިޔަމަންތެރިވި މީހެއްކަމަށް ބަލައި އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭގޮތަށް އޮތް އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ވެސް ބާތިލް ކުރުމަށް އެދިފައިވާނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުއްރައޫފް އިބްރާހީމް ވިދާޅުވީ އެ މައްސަލަ ދެން ކުރިއަށް ގެންދާނީ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި އެ ކޯޓުން އަންގާ ގޮތެއްގެ މަތިން ކަމަށެވެ.