30 Apr 2013, 13:07
މ. އަތޮޅު ނާލާފުށިން ފެން ހުސްވެގެން އެމްއެންޑީއެފުގައި އެދުމުން އެމްއެންޑީއެފުން އެ ރަށަށް ބޯފެން ފޯރުކޮށްދީފި އެވެ.
އެމްއެމްޑީއެފުުން ބުނީ ނާލާފުށިން ބޯފެން ހުސްވެގެން ބޯފެން ފޯރުކޮށްދިނުމަށް އެ ރަށު ކައުންސިލް އިދާރާ އިން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމަށް އެދުމާ އެކު އެ ރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ރަށަށް ފެން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފްގެ ހާއްސަ ޓީމެއްގެ އެހީތެރިކަމާ އެކު ލ. ކައްދޫން 3000 ލީޓަރުގެ ބޯފެން ނާލާފުއްޓަށް ވަނީ ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ނާލާފުށީ ކައުންސިލްގެ ރައީސް ހަސަން އަބްދުއްރަހުމާން މިއަދު ވިދާޅުވީ އެ ރަށުން ބޯ ފެން ހުސްވަމުންދާތީ އެކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް މިމަހުގެ 10 ވަނަ ދުވަހު ގެނެސްފައިވާނެ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނީ ފެން ނުލިބި ލަސްވަމުންދާތީ ކަމަށާއި ފެން ހުސްވެގެން ސަރުކާރުގައި އެދިގެން ފެން ލިބުން ލަސްވުމުން އެކަމާ ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ސަމާލުކަމަށް ގެނައިން ފެން މުޅިން ހުސްނުވަނީސް. ނަމަވެސް ފެން ލިބުން ލަސްވެގެން އެމްއެންޑީއެފްގައި އެދެން ޖެހުނީ. އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް އައުމާ އެކު އެފަރާތުން ވަނީ އިއްޔެ ފެން ފޯރުކޮށްދީފައި. މިއަދު ވެސް އެ މަސައްކަތް ކުރިއަށް ވަނީ ގެންގޮސްފައި." އަބްދުއްރަހުމާން ވިދާޅުވި އެވެ.