ފުލުހުންގެ ޚިދުމަތުގެ އެންމެ މުހިއްމު އެއް ސިފައަކީ ހިތްވަރާއި ކެރުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޮލިސް ސަވިސްގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްއިން ކުރިއަށް ގެންދިޔަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 22 ވަނަ ބުރު ނިމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުން ކޮމިޝަނަރު ވަނީ ފުލުހުންގެ ޚިދުމަތުގައި ވަރަށް އާދަޔަ ޚިލާފު ކެރުމާއި ސާބިތުކަން ދެއްކެވުމުގެ ތެރޭގައި ދުނިޔެ ދޫކުރެއްވި އަދި ޝަހީދުވެވަޑައިގެންނެވި ފުލުހުންގެ ޒިކުރާތައް އާކޮށް އެފުލުހުން ދެއްކެވި ނަމޫނާ އިން ޢިބުރަތް ހާސިލުކުރެއްވުމަށް ގޮވާލައްވާފަ އެވެ.

މިދިޔަ އަހަރުގެ މެއި 27 އިން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް މާލެ އާއި ޅ. މަޑިވަރުގައި ކުރިއަށް ގެންދިޔަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 22 ވަނަ ބުރުގެ ކޯސް ފުރިހަމަކޮށް ފުލުހުންގެ ޚިދުމަތާ ގުޅުނު ފުލުހުންނާ މުޚާތަބުކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ނުކުންނެވުމުން އެ ނުކެންނެވުނީ މަގުތަކަށް އަވައްޓެރިންގެ ގާތަށް އަދި މުޖުތަމައެއްގެ ތެރެއަށް ކަމަށެވެ. އަދި ރައްޔިތުން ފުލުހުންނާ މެދު އުންމީދުކުރާ ފަދަ ހިތްވަރާއި ކެރުން ފުލުހުންގެ ފަރާތުން ދެއްކުމަށާއި ރައްޔިތުން ބޭނުންވާ ފަދަ ޚިދުމަތެއް ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

އައިލްސްގެ އިސް އޮފިސަރުންނާއި ފުލުހުންގެ އިސް އޮފިސަރުންނާއި ކޯހުގެ ބައިވެރިންނނާއި އަދި ފުލުހުންގެ ޢާއިލާތަކުން ބައިވެރިވި އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ފުލުހުންގެ މުއައްސަސާގެ ތެރޭގައި ތަޢުލީމާއި ފަންނު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފުލުހުންގެ މުއައްސަސާއަކީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން އަންނަ ވަރަށް ތަޢުލީމީ މުއައްސަސާއެއް ކަމަށެވެ.

ރޭ އިސްކަންދަރު ކޮށީގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޯސް ފުރިހަމަކޮށް ދަސްވެނިވި ފުލުހުންނަށާއި ވަނަތަކަށް ހޮވުނު ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު ޑރ. މުޙައްމަދު ޖަމީލު އަހުމަދެވެ.

ފުލުހުންގެ އަސާސީ ކޯހުގައި 80 ފުލުހަކު ބައިވެރިވެފައިވާ އިރު އޭގެތެރެއިން 64 ފުލުހުން ވަނީ ކޯސްފުރިހަމަކޮށްފަ އެވެ.

މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން އޮތޯރިޓީގައި ސެޓްފިކެޓް ލެވެލް ހަތަރެއްގައި އެކްރެޑިޓް ކޮށްގެން ހިންގާ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 22 ވަނަ ބުރުން ދަސްވެނިވި ހުރިހާ ފުލުހުންނަކީ ވެސް ހަތަރު މަސް ދުވަހުގެ ތަމްރީނަށް ފަހު ހަ މަސްދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތުގައި ފުލުހުންގެ ފްރަންޓްލައިންގައި މަސައްކަތްކޮށް ކޮލިފައިޑް ޕޮލިސް އޮފިސަރެއްގެ ޝަރަފު ހޯދާފައިވާ ފުލުހުންނެވެ.

އެކޯހުން ދަސްވެނިވި ފުލުހުންގެ ތެރޭގައި ފުރަތަމަ ޑިގްރީ ފެންވަރުގެ ދެ ފުލުހަކާއި ޑިޕްލޮމާ ފެންވަރުގެ ފަސް ފުލުހަކާއި އޭލެވެލް ފެންވަރުގެ 30 ފުލުހެއްގެ އިތުރުން އޯލެވެލް ފެންވަރުގެ 43 ފުލުހަކު ހިމެނެ އެވެ.