30 Apr 2013, 12:27
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވެވަޑައިގެންނެވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ކަމަށް މަޖިލީހުގެހާޒިރީން ދައްކައިފި އެވެ.
މަޖިލީހުން މިއަދު އާންމުކޮށްފައިވާހާޒިރީގެ ރިޕޯޓުން ދައްކާގޮތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 24 ޖަލްސާގެ ތެރެއިން ހިސްޓޯ ހާޒިރުވެވަޑައިގެންނެވީ ނުވަ ޖަލްސާއަކަށެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ ހާޒިރީގެ ފުލަށް ހިސްޓޯ ވެއްޓިފައިވާ އިރު، މިދިޔަ އަހަރުގެ ފުރަތަމަދައުރުގައިހިސްޓޯގެ ހާޒިރުވެވަޑައި ނުގަންނަވަނީ އެންމެ ދެ ޖަލްސާއަކަށެވެ. ނަމަވެސް މި އަހަރު އޭނާ ހާޒިރުވެވަޑައިގެންނެވި ޖަލްސާތަކުގެ އަދަދު މަދުވީ ސަލާމުގައި ހުންނެވުމުންނެވެ. އެގޮތުން ނިމިދިޔަ ދައުރުގައި 13 ޖަލްސާއަކަށް ހިސްޓޯ ސަލާމް ބުނެފައިވާ އިރު، ވަކިއެއްޗެއް ވިދާޅުނުވެ، ދެ ޖަލްސާއަކަށް ހިސްޓޯ ހާޒިރުވެވަޑައި ނުގަންނަވަ އެވެ.
ހިސްޓޯގެ އިތުރުން މަޖިލީހުގެ ޖަލްސާތަކަށް ނިމިިޔަ ދައުރުގައި އެންމެ މަދުން ހާޒިރުވެވަޑައިގެންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ. އޭނާ ހާޒިރުވެވަޑައިގެންނެވީ 12 ޖަލްސާއަކަށެވެ. ފަސް ދުވަހުގެ ޖަލްސާއަށް މަހުލޫފު ސަލާމް ބުނެފައިވާ އިރު، މަޖިލީހުގެ ދަތުރެއްގައި އުޅުއްވާތީ އިތުރު ފަސް ޖަލްސާއަކަށް މަހުލޫފަށް ހާޒިރުވެވަޑައި ނުގެންނެވުނު ކަމަށް މަޖިލީހުގެ ރިޕޯޓުން ދައްކަ އެވެ.
ހާޒިރީގެ ފުލުން ތިން ވަނަގައި އުޅުއްވަނީ ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގެ މެދުތެރެއިން އަށް ދުވަހުގެ ޗުއްޓީއެއް ރާމިޒު ނަންގަވާފައިވާ ކަމަށް ހާޒިރީން ދައްކަ އެވެ. އަދި ތިން ޖަލްސާއަކަށް ސަލާމް ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ދައުރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަ ދައުރުގެ ހުރިހާ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަދަދުވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ޖަލްސާއަކަށް 17 މެންބަރުން ހާޒިރުވެފައިވާ އިރު، މި އަހަރުގެ ފުރަތަމަ ދައުރުގެ 24 ޖަލްސާއަށް ހާޒިރުވެފައި ވަނީ 19 މެންބަރުންނެވެ.