ތ. ވިލުފުއްޓަށް ކަންނެލި ކިރަން ދިޔަ މަސްދޯންޏެއްގެ މީހަކާއި އެ ރަށުގެ ބަޔަކާ ދެމެދު ހިންގި މާރާމާރީއާ ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފި އެވެ.

އިއްޔެގެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 44 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި އުމުރުން 25 އަހަރުގެ މީހެއްގެ އިތުރުން އުމުރުން 27 އަހަރުގެ މީހެކެވެ. އަދި އުމުރުން 20 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ހިންގި އެ މާރާމާރީގައި ހަތަރު މީހަކަށް އަނިޔާލިބި ވިލުފުށި ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން އުމުރުން 16 އަހަރުގެ ކުއްޖަކަށް ލިބިފައިވާ އަނިޔާ އަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިއަދު ހެނދުނު ވަނީ މާލެ ގެންސްފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ވިލިފުށީ ކައުންސިލުން ބުނެފައި ވަނީ 16 އަހަރުގެ ކުއްޖާގެ ބޮލުގައި ދާވަންޏަކުން ޖަހާ ބޯފަޅާލާފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ބޮލުގައި ދާވަނިން ޖެހުމާ ގުޅިގެން ހޭނެތިގެން މޫދަށް ވެއްޓުމުން އެ ރަށު މީހުން އެކުއްޖާ ނަގައިގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.