23 Oct 2010, 18:26
ރީބްރޭންޑް ކޮށް "އެމްއެންބީސީ، ރާއްޖެ ރޭޑިޔޯ" އަށް ބަދަލުކޮށްފައިވާ ކުރީގައި، ދިވެހި ރާއްޖޭގެ އަޑުގެ ފައިނޭންސް ޑިޕާޓްމަންޓްގެ ވެރިޔާ، ފަހުމީ ރަޝާދު ކުއްލި ގޮތަކަށް ގެއަށް ފޮނުވާލައި ވަޒީފާއިން ވަކިކޮށްފި އެވެ.
ފަހުމީ އަކީ 20 އަހަރަށް ވުރެ ގިނަ ދުވަހު އަޑުގައި ހޭދަކުރައްވައި، ސަރުކާރަށް 31 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަޑުގެ ހިދުމަތުގައި ހުންނެވި ފަހުމީ ކުއްލި ގޮތަކަށް ވަޒީފާއިން ވަކި ކުރުމުން، ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ލޭބާ ޓްރައިބިއުނަލް އަށް މިހާރު ވަނީ މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
މި މަހުގެ 12 ވަނަ ދުވަހު ފަހުމީ ގެއަށް ފޮނުވާލުމަށް ފަހު ވަޒީފާއިން ވަކި ކުރީ މި މަހުގެ 14 ވަނަ ދުވަހުގެ ތާރީހުގައި 18 ވަނަ ދުވަހު އެވެ. އޭނާ ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ ސިވިލްސާވިސް އެސޯސިއޭޝަނުންގެ ފަރާތުންނެވެ.
ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ ވަޒީފާއިން ވަކި ކުރުމުގެ ކުރިން ގެއަށް ފޮނުވާލީ "ފަހުމީ ވަޒީފާއިން ސަސްޕެންޑްކޮށްފި" ކަމަށް އޮފީހުގެ ވެރިޔަކު އެންގެވުމަށް ފަހު އޭނާގެ ހަވާލުގައި ހުރި، ހުރިހާ އެއްޗެއް ވަގުތުން އަތުލެއްވުމަށް ފަހުގައި ކަމަށާއި ސަސްޕެންޑް ކުރި ސަބަބު އަންގާފައި ނުވާ ކަމަށެވެ.
"އޭގެ މާފަހުން އެންގީ އޮފީހުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލަ ބަލައި ނިމެންދެން ގޭގައި ބެހެއްޓެވީ ކަމަށް. އަދި އޭގެ ފަހުން 18 ވަނަ ދުވަހު އެންގެވީ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ އޭނާ ވަޒީފާއިން ވަކި ކުރި ސަބަބެއް ކަމަށް އަންގާފައި ވަނީ ތަނުގައި ހުރުމުން ތަނަށް ލިބިދާނެ ގެއްލުން އޮތުމާއި ހިޔާނާތުގެ މައްސަލައެއްގައި ކަމަށެވެ.
"އަޅުގަނޑު ސަރުކާރުގައި 31 އަހަރު އުޅެފިން. ދުވަހަކު އިންޒާރެއް ވެސް ޖޫރިމަނާއެއް ވެސް ނުކުރޭ. އެހެންވީމާ އަޅުގަނޑުގެ ހުރެގެން ތަނަށް ވެދާނެ ގެއްލުމަކާ އަދި އަޅުގަނޑުވީ ހިޔާނާތަކީ ކޮބައި ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެކަން އެ ބޭފުޅުން އޮޅުން ފިލުވައި ދެއްވައިފައެއް ވެސް ނުވޭ."
ފަހުމީ ވިދާޅުވީ އެނާ ގެއަށް ފޮނުވާލި ވަގުތު އޮފީހުގައި އޮތް އޭނާގެ ޕާސްޕޯޓާއި ޗެކް ފޮތެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެގިޔަ ނުދެއްވާ ކަމަށާއި އޭގެ ފަހުން އެމްއެންބީސީގެ ޗެއާމަން މަޑުލު މުހައްމަދު ވަހީދާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާ ގުޅުމުން ދެބޭފުޅުން ވެސް ވިދާޅުވެފައި ވަނީ އެއީ "ބޯޑުގެ ނިންމުމެއް" ކަމަށެވެ.
މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ފަހުމީގެ މައްސަލައާބެހޭ ތަފުސީލު އެހާ ބޮޑަށް ސާފުވެވަޑައިގެންފައި ނުވާ ކަމަށާއި އެކަން ބެއްލެވުމަށް ފަހު ތަފުސީލެއް ދެއްވާނެ ކަމަށެވެ.
ސަންއެފްއެމްއޮންލައިނަށް މައުލޫމާތު ލިބިފައިވާ ފަހުމީ ވަޒީފާއިން ވަކިކުރި ދުވަހު އެމްއެންބީސީން ނެރުނު ސާކިއުލާއެއްގައި ފަހަކަށް އައިސް އޮފީހުގެ ލިޔެކިޔުން ގަވައިދާ ހިލާފަށް ބައެއް މުވައްޒަފުން ނަގަމުންދާ ކަމަށާއި އެފަދަ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް އަންގާފައިވެއެވެ.
ފަހުމީގެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި ސިވިލްސާވިސް އެސޯސިއޭޝަންގެ ބޯޑު މެންބަރު ހަސަން ހަލީލު މިއަދު ވިދާޅުވީ، އަޑުގެ ފައިނޭންސް ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަހުމީ، ގެއަށް ފޮނުވާލުމަށް ފަހު ވަޒީފާއިން ވަކިކުރީ ހިޔާނާތުގެ ތުހުމަތެއް އެޅުވުމަށް ފަހު ކަމަށާއި ފަހުމީ ވަޒީފާއިން ވަކި ކުރީ، އެއްވެސް އިންޒާރެއް އަދި ވާހަކަ ދައްކާނެ ފުރުސަތެއް ވެސް ނުދީ ކަމަށެވެ.
އެމްއެންބީސީގެ އެ އަމަލަކީ، ގާނޫނުއަސާސީން ލިބިދޭ ވަޒީފާގެ ހައްގުން ފަހުމީ މަހުރޫމް ކުރުމުގެ އަމަލެއް ކަމަށާއި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ ނިގުޅައިގެންފައިވާ އޭނާގެ ހައްގު ހޯދައި ދީ، ވަޒީފާ އަނބުރާ ރުޖޫއަ ކުރުމާއެކު ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.