30 Apr 2013, 11:21
ހުޅުމާލޭގައި ރެސިޑެންޓިއަލް ކޮމްޕެލެކްސް އަދި ރޯހައުސް އިމާރާތްކޮށް ކުއްޔަށް ދީގެން ރިއަލްއެސްޓޭޓް ވިޔަފާރި ކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް(އެޗްޑީސީ) އިން މިއަދު ބުނީ ހުޅުމާލޭގައި ރެސިޑެންޓިއަލް ކޮމްޕެލެކްސް އަދި ރޯހައުސް ތަރައްގީކޮށް ކުއްޔަށް ދީގެން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް އެކަނިކަމަށެވެ. އަދި އެމަޝްރޫއުގެ ދަށުން ހަތް ބިމެއް ދޫކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެތެރެއިން ތިން ބިމެއް ދޫކުރުމަށް ނިންމާފައި ވަނީ ރެސިޑެންޓިއަލް ކޮމްޕްލެކްސް އެޅުމަށްވާ އިރު ހަތަރު ބިން ދޫކުރުމަށް ނިންމާފައި ވަނީ ރޯ ހައުސް ތަރައްގީ ކުރުމަށްކަމަށް ބުންޏެވެ.
"ރެސިޑެންޓިއަލް ކޮމްޕްލެސް ތަރައްގީ ކުރުމަށް ހުޅުމާލެ ނެއިބާހޫޑް 3 ކުން ބިން ދޫކުރާއިރު، ރޯހައުސް ތަރައްގީ ކުރުމަށް ބިން ދޫކުރާނީ ނެއިބާހޫޑް އެކަކުން ނެވެ،" އެޗްޑީސީ ބުންޏެވެ.
އެޗްޑީސީ އިން ބުނީ އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފަހުގެ ތާރީހަކީ މިއަންނަ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ޝުހެއިލް އަހުމަދު ވިދާޅުވީ އެ ކޯޕަރޭޝަންގެ ވިސްނުން ހުރީ އެ ބުލޮކުތައް ތަރައްގީ ކުރުމުގެ މަސައްކަތް ބިޑް އުސޫލުން ކުރިއަށް ނުގެންގޮސް ޕުރޮޕޯސަލް ބޭސިސް އުސޫލުން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ވިދާޅުވީ އެ ފަރާތުގެ ވިސްނުން ހުރީ އެ ބުލޮކްތައް ތަރައްގީކޮށް ވިޔަފާރި ކުރުމުގެ ފުރުސަތު ދިވެހި އެކިއެކި ކުންފުނިތަކަށް ހުޅުވައިލުމަށް ކަމަށެވެ.