30 Apr 2013, 11:11
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އެހެން ގައުމުތަކުގެ އާގު ބޯޓު ފަހަރު ރާއްޖޭގެ ބަނދަރުތަކަށް ނުވަދެ ރާއްޖޭއިން ހިދުމަތް ދިނުމާ ބެހޭ ގަވާއިދެއް ޓްރާންސްޕޯޓް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ތައާރަފްކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.
މިމަހުގެ 24 ވަނަ ދުވަހު ގެޒެޓްކޮށް އަމަލްކުރަމުން އަަންނަ "ދިވެހިރާއްޖޭގެ އޯފް ޕޯޓް ލިމިޓް އާއި އޯފްޝޯ އިން ޝިޕިންގް ގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު" ގަވާއިދުގެ ދަށުން ރާއްޖެއަށް އިތުރު އާމްދަނީ ލިބިގެންދާނެ ކަމަށް ޓްރާންސްޕޯޓް އެތޯރިޓީން ބުންޏެވެެ.
މިގަވާއިދުގެ ދަށުން އޯފްޕޯޓްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި އުޅަނދުފަހަރު އަޅާފައި ބާއްވައިގެން އިތުރު ޗާޖުތަކެއް ދެއްކުމަކާއި ނުލައި ރާއްޖެއިން ބަންކަރިންގެ ހިދުމަތާއި، އެއް އުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލުކުރުމާއި އުޅަނދުފަހަރު މަރާމާތެއް ކުރަންޖެހިއްޖެނަމަ އެކަންކުރުމަށް މަޑުކުރުން އަދި ކުރޫންނާއި ސާވެޔަރުން އަދި ސީމާޝަލްސް ފަދަ ފަރާތްތައް ބަދަލުކުރުން ފަދަ ކަންކަން ކުރުމުގެ ހިދުމަތްތައް އެ އުޅަނދުފަހަރަށް ފޯރުކޮށްދެވޭނެ އެވެ.
މި ހިދުމަތް ތައާރަފް ވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ބޮޑެތި އާގު ބޯޓްފަހަރު ޕޯޓްލިމިޓް ތެރެއަށް ނުވަދެ މިގަވާއިދުގެ ދަށުން ރާއްޖޭގެ އުތުރުން ހއ. އުލިގަމު ސަރަހައްދުންނާއި ހދ. ކުޅުދުއްފުށީ ސަރަހައްދު، ކ.މާލެ ސަރަހައްދު އަދި ސ. ގަމުގެ ސަރަހައްދުން ކަނޑައަޅާފައިވާ ސަރަހައްދުން ބޭރުގައި އުޅަނދުފަހަރަށް ހިދުމަތް ދިނުމަށް ވެސް ވަނީ ހުޅުވައިލައިފަ އެވެ.
އެގަވާއިދުގެ ދަށުން އޯފް ޕޯޓް ލިމިޓް އާއި އޯފްޝޯގެ ތެރެއަށް އުޅަނދުތައް އަންނަން ބޭނުން 48 ގަޑިއިރުގެ ތެރޭގައި އަންގަންޖެހެ އެވެ. އެގޮތުން އެބޯޓުގެ މައުލޫމާތާއި އެއްވެސް "ޑޭންޖަރެސް ކާގޯ" އެއް ނުވަތަ ހަތިޔާރެއް ހުރި ނަމަ އެކަމުގެ ތަފްސީލް ކަމާ ބެހޭ މުއައްސަސާތަކަށް ލޯކަލް އެޖެންޓު މެދުވެރިކޮށް އަންގަންޖެހޭނެ އެވެ. އަދި އެ އުޅަނދުތަކަށް ރާއްޖޭގެ އޯފް ޕޯޓް ލިމިޓް އާއި އޯފްޝޯގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި ބަނދަރު ކުރުމަށް ލޯކަލް އެޖެންޓަކު ކަނޑައެމަށް އެގަވާއިދު ޝަރުތުކުރެ އެވެ.