30 Apr 2013, 10:06
މިއަހަރުގެ އޯގަސްޓް މަހުން ފެށިގެން ވިއްކާ މުދަލުގަޔާއި ދޭ ހިދުމަތްތަކުގައި އަގުޖަހަންޖެހޭނީ ޖީއެސްޓީވެސް ހިމަނައިގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިނޮކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނީ ތަފާތު ގޮތްތަކަށް އަގުޖެހުމުގެ ސަބަބުން މުދާ ގަންނަ ފަރާތްތަކަށް އޮޅުން އަރާތީ ރާއްޖޭގައި ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުގެ ތެރެއިން ޖީއެސްޓީ ނަގާ މުދަލާއި ހިދުމަތްތަކުގައި އޯގަސްޓުމަހުން ފެށިގެން އަގު ޖަހަން ޖެހޭނީ ޖީއެސްޓީ ހިމަނައިގެން ކަމަށެވެ.
"ވިއްކާ މުދަލާއި ދޭ ހިދުމަތުގެ ތެރެއިން ޖީއެސްޓި ނެގޭނެކަމަށް ބަޔާން ކޮށްފައިވާ މުދަލާއި ހިދުމަތުން އަގުން ނަގަންޖެހޭ ޖީއެސްޓީއަކީ އެ މުދަލެއް ގަންނަ ފަރާތުން ނުވަތަ އެ ހިދުމަތެއް ލިބިގަންނަ ފަރާތުން ދައްކަންޖެހޭ އެއްޗަކަށްވުމުން، އަދި ތަފާތް ގޮތްގޮތަށް އަގު ޖެހުމުގެ ސަބަބުން މުދާ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އޮޅުން އަރަމުންދާތީ، 1 އޯގަސްޓް 2013 އިން ފެށިގެން މުދަލާއި ހިދުމަތުގެ އަގު ޖަހަންވާނީ ޖީއެސްޓީގެ އަދަދު ހިމަނައިގެންނެވެ،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އޯގަސްޓްމަހުން ފެށިގެން ވިއްކާ މުދަލާއި ހިދުމަތުގައި ޖީއެސްޓީ ހިމަނައިގެން އަގު ޖެހުމަށް އަންގައިފައިވާއިރު މިހާރު އެމުދަލާއި ހިދުމަތްތަކުގައި ގިނަ ފިހާރަތަކުން އަގު ޖަހާފައި ހުންނަނީ ޖީއެސްޓީ ނުލައެވެ.