ޑާކާ (އެޕްރީލް 30): ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކައިރީ ހިސާބެއްގައިވާ އެކުވެނި އިމާރާތެއް ވެއްޓުމުގެ ސަބަބުން 380 މީހުން މަރުވެ އެތަށް ހާސް ބަޔަކު ޒަހަމްވި ހާދިސާގައި އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް އެގައުމުގެ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

އިނގިރޭސިވިލާތާއި އެމެރިކާ އިން ބުނީ މިހާދިސާގައި ފަންނީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝަށް ހުށަހެޅުމުން އެގައުމުގެ ސަރުކާރުން އެކަމާ ދެކޮޅު ހަދާފައިވާކަމުގަ އެވެ. ބަންގްލަދޭޝްގެ ދާހިލީ ވަޒީރު މުޙްޔިއްދީން ޚާން ވިދާޅުވީ މިހާދިސާއާ ކުރިމަތިލުމުގެ ގާބިލްކަން ބަންގަލަދޭޝްގެ ކުއްލިޙާލަތާ ބެހޭ ހިދުމަތްތަކުގެ އިދާރާގައި އެބަހުރި ކަމަށާއި މިހާތަނަށް އެ އިދާރާއަށް ނުކުރެވޭވަރުގެ ކަމެއް މިހާދިސާގައި ދިމާވެފައިނުވާ ކަމުގަ އެވެ.

ނަމަވެސް މިހާދިސާގައި މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ބޭރުގެ ތަޖްރިބާކާރު ފަރާތްތައް ބައިވެރިކުރިނަމަ ނުވަތަ އެފަރާތްތަކުގެ އެހީތެރިކަން ހޯދިނަމަ އިތުރުބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް ރިޕޯޓްތައް ބުނެއެވެ. ބަންގްލަދޭޝްގެ ބައެއް ފަރާތްތަކުން ވެސްވަނީ މީހުން ސަލާމަތް ކުރުމަށް އެގައުމުގެ ސިފައިންނާއި ކުއްލި ޙާލަތާބެހޭ ޚިދްމަތްތަކުގެ އިރާދާއިން ހިންގި އޮޕަރޭޝަން ގެ ޙަރަކާތްތަކުގެ ދުވެލި ލަސްކަމުގެ ޝަކުވާ ކޮށްފައެވެ. މިފަދަ ބޮޑެތި އަދި ކުއްލި ޙާދިސާތައް ކުރިމަތިވުމުން ޖަޕާންފަދަ މުއްސަނދި އަދި މަސައްކަތްތެރިކަމާއި ޢިލްމާއި ފަންނުތަކުގައި އާދަޔާ ޚިލާފަށް ކުރިއަރާފައިވާ ގައުމުތަކުންވެސް އެހެން ގައުމުތަކުގެ އެހީތެރިކަން ހާދާފައިވެއެވެ.

މިޢިމާރާތް ވެއްޓުނުތާ 8 ދުވަސް ވީއިރުވެސް އެތަނުގެ ކޮންކްރީޓްތަކުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންގޮސްފައިވެއެވެ. ނަމަވެސް މިހާރު ދިރިހުއްޓާ މީހުން ސަލާމަތްކުރުމުގެ ފުރްސަތު ނެތްކަމަށް ބަންގްލަދޭޝްގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.

މިމަހުގެ 23 ވަނަ ދުވަހު ވެއްޓުނު ރަނާ ޕްލާޒާ ޢިމާރާތަކީ ތައްޔާރީ ހެދުން އުފައްދާކާރުޚާނާއަކާ، ބޭންކެއްގެ އިތުރުން، ބައެއް ފިހާރަތައްވެސް ހުންނަ އެކުވެނިޢިމާރާތެކެވެ. މި ޢިމާރާތް ހުންނަނީ ޑާކާގެ ރަށްބޭރުން 30 ކިލޯމީޓަރުދުރުގައިވާ ސަވާރު ސަރަހައްދުގަ އެވެ. ރޫޅިގެންމި ޢިމާރާތް ވެއްޓިފައި ވަނީއެޢިމާރާތުގައި ގިނަ އަދަދެއްގެ މީހުން ޙަރަކާތްތެރިވަމުން ދިޔަވަގުތެއްގައިކަމުން ފާއިތުވި 8 ދުވަހުގެ ތެރޭގައި މީހުން ސަލާމަތް ކުރުމަށް ކުރި މަސައްކަތުން އެތަށްސަތޭކަ ބައެއްގެ މަރުވެފައިވާ ހަށިތައް އެތާނގެ ދަށުން ނެރެފައިވެއެވެ. އަދި އެޢިމާރާތުގެ ކޮންކްރީޓް ތަކުގެ ދަށުގައި ތާށިވެފައިވާ އެތަށް ސަތޭކަ ބަޔަކު ފާއިތު އަށެއްކަ ދުވަހު ކުރިމަސައްކަތުންވަނީ ދިރިތިއްބައި ސަލާމަތްވެސް ކުރެވިފައެވެ. އަދިވެސް މިޙާދިސާގައި 800 އަށްވުރެ ގިނަމީހުން ގެއްލިފައިވެއެވެ. ރަނާ ޕްލާޒާއެކުވެނި ޢިމާރާތް ވެއްޓުނު ވަގުތު އެ ޢިމާރާތުގައި 2000އެއްހާ މީހުން ތިބި ކަމަށްވެއެވެ.

މި ހާދިޘާ ހިނގަން މެދުވެރިވީ ސަބަބުމުޅިންސާފުވެފައިނުވި ނަމަވެސް މިއީޢިމާރާތް ކުރުމުގެ މިންގަނޑުތަކާޚިލާފަށް މަކަރުހަދާފައިވާ ސިމެންތި ބޭނުންކޮށްގެން ބިނާކޮށްފައިވާޢިމާރާތެއްކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ. ޢިމާރާތް ކުރުމުގެ މިންގަނޑުތަކާ ޚިލާފަށާއި މަކަރުހަދާފައިވާ ސިމެންތިބޭނުންކޮށްގެން ބިނާކޮށްފައިވާ ޢިމާރާތްތައް ވެއްޓުމުގެ ހާދިސާތަކަކީބަންގްލަދޭޝްގައި ވަރަށް ގިނައިން ހިނގަމުންދާ ހާދިސާތަކެކެވެ. (ބީ.ބީ.ސީ)