30 Apr 2013, 09:20
ޣައްޒާ (އެޕްރީލް 30) : އިސްރާއީލާއި ފަލަސްތީނުގެ ޖަމާއަތްތަކާ ދެމެދު ވެފައިވާ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ޣައްޒާގެ އެކި ކަންކޮޅުތަކަށް ޙަމަލާދެމުން ގެންދާތީ މިކަމާމެދު ދެވަނަ ވިސްނުމަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދީފި އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތާ އަދި އެހެން ބައެއް ޖަމާއަތްތަކުން ނެރުނު ބަޔާންތަކުގައި އިއްޔެ ބުނެފައިވަނީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކަށް ބަލަހައްޓައިގެން އެޖަމާއަތްތަކުން މަޑުންނުތިބޭނެކަމުގަ އެވެ. ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިހެންބުނެފައިވަނީ އިސްރާއީލުން ޣައްޒާގެ ދެސަރަހައްދަކަށް އިއްޔެ ވައިގެ ޙަމަލާތަކެއް ދީފައިވަނިކޮށެވެ.
މިޙަމަލާތައް ދީފައިވަނީ ޣައްޒާގެ ޚާން ޔޫނުސް ސިޓީގެ ހުޅަނގަށާއި ޣައްޒާގެ ދެކުނުގައިވާ ސަރަހައްދަކަށެވެ. މިޙަމަލާތަކުގައި މީހަކު މަރުވިކަން ނޫނީ ޒަޚަމްވިކަން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުން ހާމަކޮށްފައެއްނުވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިދެޙަމަލާގައިވެސް ބައެއް ވެހިކަލްތައް ހަލާކުވެ މާއްދީ ބައެއް ގެއްލުންތައް ލިބިފައިވެއެވެ. އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އިއްޔެވަނީ ޣައްޒާ އަށް މުދާއެތެރެ ކުރުމަށް ބޭނުންކުރާ ކަރަމް އަބޫސާލިމް ގޭޓް ބަންދުކުރާނެކަމަށް ވިދާޅުވެފައެވެ. މިއީ މިސްރުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި ފިއުލް އާއި ހަކަތައިގެ އެހެނިހެން ބާވަތްތައްފަދަ ޣައްޒާގެ 1.5 މިލިޔަން މީހުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި އެތެރެކުރާ މައި ގޭޓެވެ.
އިސްރާއީލުން ޣައްޒާ ޙިސާރުކޮށް އެސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީތަކެއްޗަށް ވެސް ހުރަސްއަޅަމުން ގެންދާތާ މިހާރުވަނީ ހަތް އަހަރު ވެފައެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ކާބޯތަކެއްޗާއި ބޭހާއި ފިއުލް އާއި ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެއްޗާ އެނޫންވެސް މަދަނީ ތަކެތި އެތެރެކުރުމަށް ހުރަސް ނޭޅުމަކީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލަށް ލާޒިމް ކުރާކަމެކެވެ.
އިސްރާއީލުގެ ބޮޑުވަޒީރު އިއްޔެވަނީ ޣައްޒާގެ ބިމުން އިއްޔެ އިސްރާއީލަށް ރޮކެޓް ޙަމަލާއެއް ދީފައިވާ ކަމަށްބުނެ ޣައްޒާއަށް އިސްރާއީލުން ދިން ޢުދުވާނީ ހަމަލާތައް ދިފާޢުކޮށް ވާހަކަ ދައްކާފައެވެ. ފަލަސްތީނުގެ ޖަމާއަތްތަކުން ބުނަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަހާ ހިނދަކު އިސްރާއީލާ ދެކޮޅަށް މިނިވަން ކަމުގެ ޖިހާދު ކުރުމަކީ ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށާ އދ. ގެ ޗާޓަރުގައިވެސް އިސްތިޢްމާރުގެ ދަށުގައިވާ ކޮންމެ ރައްޔިތަކަށް މިޙައްޤު ކަށަވަރުކޮށްދޭ ކަމުގައެވެ. (އަލްޖަޒީރާ)