ސޫރިޔާގެ ބޮޑުވަޒީރު ވާއިލް އަލް ހަލްގީއަށް އެގައުމުގެ ވެރިރަށް ދިމިޝްގުގެ މަގުމަތިން ދެވުނު ކާރުބޮމުގެ ހަމަލާއަކުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންފި ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

ސޫރިޔާގެ ސްޓޭޓް ޓެލެވިޒަނުން ބުނެފައިވާގޮތުގައި ދިމިޝްގުގެ ހުޅަނގުގެ އަވަށެއް ކަމަށްވާ އަލްމަޒާގެ މަގުމަތިން ދުއްވާފައިދިޔަ ކާރުކޮޅާއި އަދި ސަލާމަތީ ކާރުތަކަށް އަމާޒުކޮށްގެން ދެވުނު އެ ހަމަލާގައި އެތައްބަޔަކަށް ބޮޑެތި އަނިޔާތައްލިބި ނުވަ މީހުން މަރުވެފައިވެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި ހަލްގީގެ ދެ ހަށިފާރަވެރިޔަކު ވެސް ހިމެނެއެވެ.

ހަމަލާގެ ކުޑައިރުކޮޅެއް ފަހުން ހަލްގީވަނީ އެގައުމުގެ ސްޓޭޓް ޓެލެވިޒަނަށް އިންޓަވިއުއެއް ދެއްވާފައެވެ. އެ އިންޓަވިއުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައި ވަނީ އެ ހަމަލާގެ ކުރިން އެމަނިކުފާނު ވަޑައިގެންނެވި އިގްތިސާދީ ބައްދަލުވުމަކާބެހޭ ގޮތުންނެވެ.

ސްޓޭޓް ޓީވީން ހަބަރުދޭ ގޮތުގައި އެ ހަމަލާ ދީފައިވަނީ އަލްމަޒާގެ ކާރޫބާރޫ ބޮޑު މަގެއްގެ ހަތަރު އަނގޮޅިއެއް ކައިރީގައެވެ. އެތަނަކީ އާންމުން ޒިޔާރަތްކުރާ ޕާކަކާއި އަދި ސްކޫލެއްވެސް ހިމެނޭ ސަރަހައްދެއް ކަމަށްވެއެވެ. އަދި އެ ހަމަލާ ދީފައިވަނީ އެހިސާބުގައި ޕާކުކޮށްފައިވާ ކާރެއްގެ ދަށުގައި ބޮމެއް ހަރުކޮށްގެން ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ އިދިކޮޅުފަރާތްތަކާއި ސަރުކާރާ ދެމެދު ކުރިމަތިލުން ހިނގަމުން ދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އަދި އިއްޔެ ދެވުނު އެ ހަމަލާއަކީ ސަރުކާރުން ކޮންޓްރޯލްކުރާ ސަރަހައްދުގައި މިފަހަކަށް އައިސްދެވުނު އެންމެ ފަހުގެ ބޮމުގެ ހަމަލާއެވެ.

ސޫރިޔާގެ ބޮޑުވަޒީރަށް މިއަދު ދެވުނު ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގައިފައެއް ނުވެއެވެ. މީގެ ކުރިން އެފަދަ ބޮމުގެ ހަމަލާތައް ދިނުމުގެ ފަހަތުގައި ވާކަމަށް ބެލެވިފައިވަނީ، ސަރުކާރާ ހަނގުރާމަކުރަމުން ގެންދާ ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ އައްނުސްރާ ކިޔާ ޖަމާއަތެކެވެ.

ސޫރިޔާ ސަރުކާރާއި، އެފަދަ ހަރުކަށި ޖަމާއަތްތަކާމެދު 2011 ވަނަ އަހަރު ފެށުނު ކުރިމަތިލުންތައް މިހާތަނަށް އައިއިރު 70،000ށް ވުރެ ގިނަމީހުން މަރުވެފައިވެއެވެ. ސޫރިޔާގެ ވެރިކަން ކުރާ ބައަސް ޕާޓީގެ ސީނިޔާ މެމްބަރެއް ކަމަށްވާ ވާއިލް އަލް ހަލްގީ އެގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި ރިޔާޒް ހިޖާބް ޖޯޑަންއަށް ހިޖުރަކުރެއްވުމުންނެވެ.