މަސައްކަތް ކުރަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭވަރުގެ ބޮޑު ޕާޓީއަކަށް ޕީޕީއެމް ހެދުމަށް ކަމަށާއި އެކަން ވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޔުމްނާ މައުމޫނު އެ މަގާމުން ވަކިވެވަޑައިގެންނެވުން ފާހަގަކުރުގެ ގޮތުން ރޭ ނަސަންދުރާ ޕެލެސް ހޮޓެލްގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ އެ ޕާޓީއަށް މެންބަރުން އިތުރުކޮށް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ޔާމިން ވިދާޅުވީ އެ ޕާޓީގެ ވިސްނުން މީޑިޔާ މެދުވެރިކޮށް ރާއްޖެތެރޭގައި ތިބި މެންބަރުންނާ ހިސާބަށް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށާއި ޕީޕީއެމް ފިކުރު ރާއްޖެތެރެއިން ރާއްޖެތެރެއަށް ފޯރުވާ ނަމަ ޕީޕީއެމް މެންބަރުން އިތުރުވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ޕާޓީއަކީ މިހާރަށްވުރެ ވެސް ވަރުގަދަ ޕާޓީއަކަށް ހަދައި، އަދި އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންގެ އަދަދަކީ ގާތްގަނޑަކަށް 32،000 އިން ޖޫން މަހުގެ ނިޔަލާ ހަމައަށް ދާންވާއިރަށް 60،000 އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލާއިރު އަޅުގަނޑުމެންގެ ޕާޓީގައި މިހާރު ތިއްބެވި ކޮންމެ މެންބަރަކު އިތުރު ދެ މެންބަރުން ހޯދައި އަޅުގަނޑުމެންގެ ޕާޓީއަކީ ގާތްގަނަޑަކަށް ރިޔާސީ އިންތިހާބުގައި އެއްވަނަ ބުރުން ކާމިޔާބު ކުރެވޭ ވަރުގެ އަދަދެއް އޮތް ޕާޓީ އަކަށް ހެދުމަށް ކުރާ މަސައްކަތް އަޅުގަނޑުމެންގެ އަމާޒަކީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެހާ ހިސާބަށް ދާނަން،"

ޔާމިން ވިދާޅުވީ އެ ޕާޓީގެ ފިކުރު އާންމު ރައްޔިތުންނާ ހިސާބަށް މީޑިޔާތައް މެދުވެރިކޮށް ފޯރުކޮށްދިނުމުގައި ދަތިތަކެއް އެބަހުރިކަމާއި އެ ޕާޓީގެ ފިކުރު އާންމުރައްޔިތުންނާ ހިސާބަށް ފޯރުކޮށް ދިނުމުން މެންބަރުން އިތުރުވެގެންދާނެ ކަމަށެވެ.