ދާދި ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި ޑެންމާކުގެ ޔުނިވާސިޓީއެއްގައި ވާހަކަ ދައްކަވަމުން މާތްﷲގެ ވަހީ ބަސްފުޅާއި ކައު އިތުރު މާތް ނަބިއްޔާ މުހައްމަދުގެ ފާނުގެ ހަދީސްފުޅު ނޫން އެހެން ހައްލެއް ބޭނުން ކަމަށް ބުނެ، އިސްލާމް ދީނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ އެ ވާހަކަ އާ ދެކޮޅަށް ގައުމީ ހަރަކާތުން އިސްނަގައިގެން މާލޭގައި މުޒާހަރާކޮށްފި އެވެ.

މިރޭ 9:00ގައި އާޓިފިޝަލް ބީޗް ސަރަހައްދުން ފެށި އެ މުޒާހަރާ މަޖީދީމަގާއި އެހެނިހެން ބައެއް ބޮޑެތި މަގުތަކުގައި ކުރުމުން ގެންދިޔަ އިރު މުޒާހަރާގެ ބައިވެރީން ގޮވަމުން ދިޔައީ ރައީސް ނަޝީދު އެ ހުރީ އެއްފަހަރުން މުރުތައްދު ވެފައި ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ވަގުތުން އެކަމުގެ ހުކުން ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ މީހަކު ރާއްޖޭގެ ވެރިކަށް އައުމުގެ ފުރުސަތު ދެން ދިވެހީން ނުދޭނެ ކަމަށް ވެސް ގޮވަމުން ދިޔަ އެވެ.

އެ މުޒާހަރާގައި ހުރިހާ އުމުރު ފުރައަކުން ދެ ޖިންސުގެ މީހުން ބައިވެރިވި އެވެ.

މިރޭ ގާތްގަނޑަކަށް 10:30 އެހާކަންހާއިރު މުޒާހަރާ ފެށިތަން، އާޓިފިޝަލް ބީޗަށް އެ މުޒާހަރާ ނިންމާލާފައިވާ އިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.