ދޮންބައްޕަ އާއި ރަށުގެ އެކި މީހުންގެ ޖިންސީ ޝިކާރައަކަށްވި ށ. ފޭދޫގެ 15 އަހަރުގެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ ހައްދު ޖެހުމާއެކު އަށް މަހަށް ގޭގައި ބަންދުކުރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ހައިކޯޓުގެ މިޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ފެށީ މިއަދު ހެނދުނު ކަމަށެވެ. އަދި ދެވަނަ އަޑުއެހުމެއް މެންދުރު ބޭއްވުމަށް ފަހު މިއަދު އަޑުއެހުންތައް ނިންމާލާފައިވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

އެ މައްސަލައިގެ ތެރެއަށް ހިއުމަންރައިޓްސް ކޮމިޝަނުން ތަދައްޚުލްވެފައިވާ ކަމަށް ވެސް ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ވިދާޅުވި އެވެ.

އެ ކުއްޖާ ވިހެއި ދަރިފުޅު މަރުވެފައި ވަނީ އެކުއްޖާގެ މަންމަ އާއި ދޮންބައްޕަގެ އިހުމާލުން ކަމަށް ބުނެ އެ ދެ މީހުންގެ މައްޗަށް ދައުލަތުން ވަނީ ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

އެ ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދޮންބައްޕަގެ މައްޗަށް ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ވެސް އުފުލާފަ އެވެ. އަދި އޭގެ އިތުރުން ދޮންބައްޕަ ދިރިއުޅޭ ގޭގެ ތެރެއިން އޮރިޔާން ސީޑީތަކެއް ފެނުމާ ގުޅިގެން އޭނާގެ މައްޗަށް ވަނީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލާފަ އެވެ.

އެ ހާދިސާ ހިނގިފަހުން އަދިވެސް އެ ކުއްޖާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގަ އެވެ. ޒިނޭގެ ހައްދު ޖެހުމާ އެކު އެ ކުއްޖާގެ ގޭ ބަންދު ކުރުމަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ކުޑަކުދިންގެ ހިޔާގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން ވަނީ އަންގާފަ އެވެ.