29 Apr 2013, 21:08
ދާދި ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި ޑެންމާކުގެ ޔުނިވާސިޓީއެއްގައި ވާހަކަ ދައްކަވަމުން މާތްﷲ ވަހީ ބަސްފުޅާއި ކައު އިތުރު މާތް ނަބިއްޔާ މުހައްމަދުގެ ފާނުގެ ހަދީސްފުޅު ނޫން އެހެން ހައްލެއް ބޭނުން ކަމަށް ބުނެ، އިސްލާމް ދީނަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ އެ ވާހަކަފުޅު ޕީޕީއެމް އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ރައީސް ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅެއްގައި ކުރި ސުވާލާއި ޖަވާބު ސެޝަނެއްގެ ތެރެއިން ބޭރު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވާ ގޮތުގެ ސަބަބުން ކީރިތި ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަ ކުރެވިފައިވާ ކަމަށް ބުނެ، ގިނަ އާއްމުންތަކެއް ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ޕީޕީއެމުން މިއަދު އެ ވާހަކަފުޅު ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ ފަދަ ސައްތަ އިން ސައްތަ މުސްލިމު ގައުމެއްގައި ވެރިކަން ކުރައްވާފައިވާ ބޭފުޅަކު އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް، ފާޑު ވިދާޅުވެ، އެފަދަ ދަށު ދަރަޖައިގެ ވާހަކަފުޅުތަކެއް ދެއްކެވުމަކީ އިސްލާމީ އެހެން ގައުމު ތަކުގެ ކުރިމަތީގައި ރާއްޖެ ފަލީހަތްވެ ލަދު ގަންނަން ޖެހޭ ފަދަ ކަމެއް ކަމަށެވެ. އަދި އެ ފަދަ ވާހަކަތަކަކީ މުސްލިމެއްގެ ހައިސިއްޔަތުން ދެކެވިގެން ވާނޭ ވާހަކަތަކެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައި އެވެ.
އެ ބަޔާނުގައި ބުނަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އިސްލާމް ދީނަށް އެކި ގޮތްގޮތަށް ފާޑު ވިދާޅުވެ ޣައިރު މުސްލިމުން ރުއްސަން އެ ފަދަ އެތައް ކަމެއް ރައީސް ނަޝީދު ކުރައްވާފައިވާ ކަމަށާއި އެ ގޮތުން އެހެން ދީންތަކުގައި އަޅުކަން ކުރާން ގެންގުޅޭ ފަދަ ބުދު ރަމްޒު ކޮށްދޭ މޮނިއުމެންޓްތައް ބެހެއްޓުމުގެ އިތުރުން މަސްތުވާ އެއްޗެހި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވުން ފަދަ އެތައް ކަމެއް ރައީސް ނަޝީދު ކުރައްވާފައިވާ ކަމަށެވެ.
އިސްލާމް ދީނާއި ބެހޭ ގޮތުން އެފަދަ ވާހަކަތައް ދައްކަވަމުން ގެންދަވާ ބޭފުޅަކު ރާއްޖޭގެ ވެރިކަމަށް ގެނައުމަކީ މުޅި ގައުމަށާއި އިސްލާމް ދީނަށް ދެވޭ އެންމެބޮޑު ދެރަ ކަމަށް އެ ޕާޓީން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޯޕަންހޭގަން ޔުނިވާސިޓީގައި ދެއްވި ތަގުރީރުގައި ނަޝީދާ ސުވާލުކުރީ، އިސްލާމްދީނާއި "ޕްރޮގްރެސިވް" އިސްލާމްދީނާ ދެމެދު ހިނގަމުންދާ އަރާރުންވުމުގެ ތެރެއިން ސަގާފީ އިސްލާމް ފެތުރެމުންދާތީވެ އެކަމުގެ ހަގީގަތް ހުޅަނގުގެ އާއްމުންނާ ހިއްސާކޮށްދެއްވުމަށް އެދި އެވެ.
އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރު ފެތުރެން ފަސޭހަވެފައި ވަނީ އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ނުވަތަ "އޮލްޓަނޭޓިވް ނެރޭޓިވް"ކިޔައި ނުދެވުމުގެ ސަބަބުން ކަމަށެވެ.
"ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތް. ދަންވަރު ގުޅާފައި "ޝޭހުއޭ. މިއުޅެނީ ނުނިދިގެންނޭ" ބުނެފި ނަމަ، ޝޭހު ދޭނެ ރަސޫލާގެ ހަދީސްއެއް ނުވަތަ ވަހީ ބަސްފުޅެއް ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭ ގޮތުން. އަޅުގަނޑުމެންގެ ނެތް މިކަހަލަ ހެލްޕްލައިނެއް. އަޅުގަނޑުމެންގެ އަތުގައެއް ނެތް "އެހެން ގޮތެއް". އެހެން ގޮތެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ނަޝީދު ވީޑިއޯގައި ވިދާޅުވެ އެވެ.