ތ. ވިލުފުށްޓަށް ކަންނެލި ކިރަން ދިޔަ މަސްދޯންޏެއްގެ މީހަކާއި، އެ ރަށުގެ ބަޔަކާއި ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން އުފެދުނު ހަމަ ނުޖެހުމެއްގައި ބޮޑު މާރާމާރީއެއް ހިންގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ވިލުފުށިން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު 5:30 ހާއިރު އެ މާރާމާރީ ހިނގަން މެދުވެރިވީ ކަންނެލި ދޯނީގެ މީހަކު އެރަށު އަންހެނަކާ ދިމާކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެރަށު ގުރޫޕަކުން ގޮސް އެ ދޯނީގެ މީހުންނާ ކުރިމަތިލުމުން ކަމަށެވެ.

ވިލުފުށީ ސިއްޙީމަރުކަޒުގެ އިސް އޮފިޝަލަކު ވިދާޅުވީ އަނިޔާ ލިބުނު ދެ ކުދިންގެ ތެރެއިން އެއްކުއްޖަކީ އެރަށަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި އަނެއްކުއްޖާ އަކީ އެހެން ރަށަކަށް ނިސްބަތްވާ ކުއްޖެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ދެ ކުދިންގެ ތެރެއިން ސީރިއަސް ހަލާތުގައި އޮތީ އުމުރުން 16 އަހަރުގެ ކުއްޖާ ކަމަށާއި އޭނާގެ ސިކުނޑި ކައިރިއަށް ތޫނުއެއްޗަކުން ދީފައިވާ ދެ ޒަޚަމް އެބަހުރި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކުއްޖާ އަދިވެސް ހޭނާރާ ކަމަށާއި އިތުރު ފަރުވާ ދިނުމަށް އެކުއްޖާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ވިލުފުށީ ސިއްޙީމަރުކަޒުގެ އޮފިޝަލް ވިދާޅުވީ ސީރިއަސް ހާލަތުގައި އޮތް އެކުއްޖާ ފެނުމާ އެކު އޭނާގެ އާއިލާގެ ތިން މީހަކު ބޯ އަނބުރާގޮތްވުމުން އެ މީހުންނަށް ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު 5:30 ހާއިރު ވިލުފުށީގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މިހާރު އެ ރަށުގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.